އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ހަނީފު ހިމެނޭހެން ރައީސްގެ ތިމާގެ ތިން ބޭފުޅަކު ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފިއެވެ.
އިއްޔެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނެނީ:
- މުލިއާގޭގެ ޗީފް އޮފް ސްޓާފް، އިޤްބާލް އާދަމް
- އެމްޓީޑީސީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، ހުސައިން ހަނީފް
- ހިލާލީ ގޭގެ ޗީފް އޮފް ސްޓާފް، މުޙައްމަދު ވަހީދު
މި ތިން ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވާކަން އިތުބާރުހުރި މަސްދަރަކުން 'ސަން' އަށް ވަނީ ކަށާވަރުކޮށްދީފައެވެ. ނަމަވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަން ހާމަކޮށްފައެއް ނުވެއެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން އިގްބާލަކީ ވަޒީރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ.
މި ތިން ބޭފުޅުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަށަފަރުގައި އިއްޔެ ނެގި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިއުލާނުކުރި ފަހުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތު ވެރިކަންކުރާ ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެގޮތުން އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޒައިނާޒް އަޙްމަދަށް 221 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ ކެންޑިޑޭޓު ރިޝްމާ އާދަމަށް ލިބުނީ 278 ވޯޓެވެ.