ވަރުގަދަ ޝޯތަކެއް ކެންސަލު ކުރުމުން ނެޓްފްލިކްސް ހޫނުފެނަށް

ކެންސަލު ކޮށްލި ޝޯތަކުގެ ތެރޭގައި މަގުބޫލު ޝޯ "ޝެޑޯ އެންޑް ބޯން" ހިމެނޭ

ނެޓްފްލިކްސްގެ ވަރުގަދަ ޝޯތަކެއް ކެންސަލު ކޮށްލުމާ ގުޅިގެން އާންމުންގެ ނުރުހުން ރައްދުވެ އެ ސްޓްރީމިން ސާވިސް ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ތަރީންނާއި ލިޔުންތެރިންގެ ހަޅުތާލުތައް ނިމި ހުރިހާ އެންމެން މަސައްކަތަށް ނުކުންނަށް ފެށުމާއެކު ނެޓްފްލިކްސްއިން ވަނީ މީގެކުރިން ގޮތެއް ނުނިންމާ ހުރި އެތައް ޝޯތަކަށް ގޮތްތައް ކަނޑައަޅަން ފަށާފައެވެ. އޭގެތެރޭގައި ބޮޑެތި އެތައް ޝޯތަކެއް ކެންސަލު ކުރަން ފެށުން ހިމެނެއެވެ.

މީގެތެރެއިން އެންމެ ބޮޑު އެއް ޝޯ އަކަށްވީ މަގުބޫލު ފެންޓެސީ ޝޯ "ޝެޑޯ އެންޑް ބޯން" އެވެ. ޝޯގެ ދެވަނަ ސީޒަން މިއަހަރު ދައްކާފައިވާއިރު މި ޝޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްފްލިކްސް ޗާޓުގެ އެއްވަނަ އަށް ވެސް އަރާފައެވެ.

މި ޝޯގެ ފުރަތަމަ ސީޒަންއިން، ނެޓްފްލިކްސްގެ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި އެ ސީރީސް ހިމަނާލިއެވެ. ނަމަވެސް ނެޓްފްލިކްސް އިން ބޭނުންވާ ވަރަށް ޝޯއަށް ފައިދާ ލިބިފައި ނުވާތީ އެ ޝޯގެ ތިން ވަނަ ސީޒަނެއް ތައްޔާރު ނުކުރުމަށް ވަނީ ނިންމާފައެވެ.

ޝެޑޯ އެންޑް ބޯންގެ އިތުރުން "ގްލެމަރަސް" އާއި "ފަރުޒާރު" އަދި "އޭޖެންޓް އެލްވިސް" އާއި "ކެޕްޓަން ފޯލް" ވެސް ވަނީ ދާދި ފަހުން ކެންސަލު ކޮށްލާފައެވެ. މިއީ ނެޓްފްލިކްސްއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯތަކެކެވެ.

ޝެޑޯ އެންޑް ބޯން ކެންސަލު ކޮށްލުމާ ގުޅިގެން އެތައް ފޭނުންނެއް އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ޝޯ އަނބުރާ ގެނައުމަށް ޕެޓިޝަނެއް ވެސް ވަނީ ތައްޔާރު ކޮށްފައެވެ.

ނެޓްފްލިކްސް އިން މަގުބޫލު ޝޯތައް ކެންސަލު ކޮށްލުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް މި ގޮތަށް ކަންތައް ކުރާތީ އެތައް ފޭނުންނެއް މިހާރު ތިބީ ރުޅި ގަދަ ވެފައެވެ.

comment ކޮމެންޓް