ސްކުއިޑް ގޭމްގެ ދެވަނަ ބައިގެ ޓީޒަރެއް

ނެޓްފްލިކްސްއިން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އެއް ޓީވީ ޝޯ ކަމަށްވާ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒަރެއް އާންމުކޮށްފިއެވެ.

ދެކުނު ކޮރިއަން ޝޯ ސްކުއިޑް ގޭމްގެ ފުރަތަމަ ސީޒަނެއް 2021 ވަނަ އަހަރު ނެރުމާ އެކު އެ ޝޯ ވެގެން ގޮސްފައިވަނީ މުޅި ސްޓްރީމިން ސާވިސްއިން އެޅުވި އެންމެ ކާމިޔާބު އެއް ޝޯއަށެވެ. އެންމެ ގިނަ ބަޔަކު ބެލި ޝޯތަކުގެ ކުރީގައި ވެސް މި ޝޯ ހިމެނެއެވެ.

ޝޯއަށް ލިބުނު ކާމިޔާބީއާ އެކު ޝޯގެ ދެވަނަ ސީޒަނެއް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެއަށްފަހު ފޭނުން ތިބީ ޝޯގެ ދެވަނަ ސީޒަނެއް ނެރޭނެ ދުވަހަކަށް ކެތް މަދުވެފައެވެ.

މި އަހަރު ޝޯގެ އާ ސީޒަން ނެރުމަށް ތައްޔާރުވާއިރު އެންމެ ފަހުން ވަނީ ޝޯގެ ފުރަތަމަ ޓީޒަރެއް އާންމުކޮށްފައެވެ.

ނެޓްފްލިކްސްއިން ޓީޒާއެއް އާންމުކޮށް، ޝޯގެެ ބައެއް ކެރެކްޓާތަކުގެ ފަސްޓްލުކް ސްޓިލްތަކެއް ވެސް އާންމުކޮށްފައިވެއެވެ. މި އަހަރު "ސްކްއިޑް ގޭމް 2" ގެނެސްދޭން ނިންމާފައި އޮތަސް އަދި ވަކި ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

ޓީޒާއިން ފެނިގެންދަނީ ޝޯގެ ފުރަތަމަ ސީޒަން ނިމޭ ހިސާބުން ފަށައި މަންޒަރުކޮޅެކެވެ. އެއާ އެކު ފޭނުން ތިބީ ދެން ވާނެ ގޮތެއް ބަލާލުމަށް ކެތްމަދުވެފައެވެ.

ސްކުއިޑް ގޭމްގައި ދައްކައިދޭނީ ދަރަނިވެފައިވާ އާއިލާތަކެއް ފައިސާ ހޯދުމަށް ތަފާތު ގޭމްތައް ކުޅޭ ތަނެވެ. މި ގޭމްތަކަކީ ކުޑަކުދިން އާންމުކޮށް ކުޅެ އުޅޭ ގޭމްތަކެކެވެ. ނަމަވެސް މި ގޭމްގައި ގޯހެއް ހެދިއްޖެ ނަމަ ބައިވެރިން މަރާލާނެއެވެ.

comment ކޮމެންޓް