އެވެޓާގެ ހުރިހާ ސީޒަނެެއް ރިނިއުކޮށްފި

ޝޯގެ ދެވަނަ އަދި ތިންވަނަ ސީޒަން ރިނިއުކޮށްފައިވާއިރު ތިންވަނަ ސީޒަނާއެކު ޝޯ ނިމެނޭ ---

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެނިމޭޓެޑް ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "އެވެޓާ: ދަ ލާސްޓް އެއާބެންޑާ" އަށް ބިނާކޮށް ނެޓްފްލިކްސްއިން ނެރުނު ލައިވް އެކްޝަން ޝޯ އެއްކޮށް ރިނިއުކޮށްފިއެވެ.

ނިކަލޯޑިއަން އިން 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ދެއްކި އެވެޓާގެ ތިން ސީޒަނެއް ވަނީ ނެރެފައެވެ.

ނެޓްފްލިކްސްއިން ލައިވް އެކްޝަން އުފައްދަމުން އަންނަނީ މި ތިން ސީޒަނަށް ބިނާކޮށެވެ. އެއާއެކު ނެޓްފްލިކްސް ޝޯ ވެސް ދައްކާނީ ތިން ސީޒަނަށް ބަހާލައިގެންނެވެ.

ނެޓްފްލިކްސްއިން މިދިޔަ މަހުގެ ފަހުކޮޅުގައި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައިވާއިރު މި ޝޯއަށް ލިބެމުން އަންނަނީ މިކްސް ރިވިއުތަކެކެވެ. އެހެންނަމަވެސް ނެޓްފްލިކްސްއަށް މުހިއްމު ވަނީ ޝޯ ބަލާ މީހުންގެ އަދަދެވެ. ގިނަ ބަޔަކު ވަނީ މި ޝޯ ސްޓްރީމް ކޮށްފައެވެ.

އެގޮތުން މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ސްޓްރީމް ކުރި ޑެބިއޫ އިނގިރޭސި ޝޯ ކަމުގައި ނެޓްފްލިކްސް އިން ބުނެއެވެ. ފުރަތަމަ ރިލީޒްކުރި ދުވަހު އެކަނި ވެސް ޝޯއަށް ވަނީ 41.1 މިލިއަން ސްޓްރީމްސް ލިބިފައެވެ.

ޝޯއަށް ލިބުނު ކާމިޔާބީއާ އެކު ނެޓްފްލިކްސްއިން ދާދި ފަހުން ވަނީ ޝޯގެ ދެވަނަ އަދި ތިންވަނަ ސީޒަނެއް ވެސް ނެރުމަށް ނިންމާފައެވެ. އެއާއެކު މި ޝޯ އެއްކޮށް ނިންމާލެވޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ހާމަކޮށްފައެވެ.

ނެޓްފްލިކްސް ޝޯގެ ފުރަތަމަ ސީޒަންގައި ހިމެނެނީ އަށް އެޕިސޯޑެވެ. ނަމަވެސް ފަހު ދެ ސީޒަންގައި ހިމެނޭނެ އެޕިސޯޑްގެ އަދަދެއް ނެޓްފްލިކްސްއިން ހާމަކޮށްފައެއް ނުވެއެވެ.

ޝޯ ރިނިއުކުރުމާ އެކު ޕްރޮޑަކްޝަންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. ނަމަވެސް އާ ސީޒަނެއް ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ މީގެ ދެ އަހަރު ފަހުންނެވެ.

comment ކޮމެންޓް