ހޫނު ފެނަށް ވެއްޓުމުން ނޮއާ މައާފަށް އެދެން އުޅެފި

ފަލަސްތީނު ގޯސްކޮށް އިސްރާއިލަށް ސަޕޯޓުކޮށް ތަފާތު ވާހަކަ ދެއްކި، ސްޓްރޭންޖާ ތިންގްސްގެ ތަރި ނޮއާ ޝްނެޕްސް ހޫނު ފެނަށް ވެއްޓި އެންމެ ފަހުން މައާފަށް އެދެން އުޅެފިއެވެ.

ސްޓްރޭންޖާ ތިންގްސްގެ ލީޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝްނެޕްސް ވަނީ މިދިޔަ އޮކްޓޯބަރު ހަތަކަށް ފަހު ފަލަސްތީނާ ދެކޮޅަށް ތަފާތު ވާހަކަ ދައްކާފައެވެ. އަދި، އިސްރާއިލަށް ސަޕޯޓުކޮށް އިސްރާއިލްގެ އަމަލުުތަކަށް ބާރުދޭ އެކި ކަހަލަ ހަރަކާތްތައް ވެސް އޭނާ ވަނީ މި ފާއިތުވި ތިން މަހެއްގެ ތެރޭގައި ހިންގާފައެވެ.

އެއާއެކު އެތައް ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އަދި ސްޓްރޭންޖާ ތިންގްސްގެ ކާސްޓުން އޭނާ ބޭރުކޮށް އާ އެކްޓަރެއް ހޮވުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މައްސަލަ މިހާ ހޫނުވެފައިވާ ދަނޑިވަޅެއްގައި ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަންގެ ޝޫޓިންގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. އެއާ އެކު މުޅި ޝޯ ކެންސަލު ކުރުމަށް ވެސް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ.

އެންމެފަހުން މިކަމާ ގުޅިގެން ޝްނެޕްސް ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއް އާންމުކޮށްފައެވެ. މި ޕޯސްޓުގައި އޭނާގެ އަމަލަށް މައާފަށް އެދެން އުޅެފައިވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ދައްކާފައިވާ ގިނަ ވާހަކަތައް ވަނީ އެ ވާހަކަ އޮޅުވާލައި "ކޮންޓެކްސްޓު"އިން ބޭރުން ގެނެސްފައެވެ.

އަދި، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ވާން ބޭނުންނުވާ ކަމަށާއި ހުރިހާ އެންމެންނަށް ހަމަޖެހުމާއި އަމާންކަން ލިބެން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް މި ވާހަކަތައް އާންމުންނަށް ހަޖަމެއް ނުވިއެވެ. އޭނާ މައާފަށް އެދޭ ކަމަށް ބުނި ވާހަކަތަކަކީ ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫނެވެ. އަދި އެގޮތަށް އޭނާ މައާފަށް އެދެން އުޅެފައިވަނީ ސްޓްރޭންޖާ ތިންގްސްއަށް އަންނަ ފާޑުކިޔުންތަކާ ގުޅިގެން ކަމަށް އެތައް ބަޔަކު ބުނެއެވެ.

comment ކޮމެންޓް