އަށް ވަނަ ސީޒަނަށް ފަހު އެލީޓް ނިންމާލަނީ!

އެލީޓްގެ ހަ ވަނަ ސީޒަނުން މަންޒަރެއް

ނެޓްފްލިކްސްއިން ދައްކާ އެންމެ ބޮޑު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "އެލީޓް"ގެ އަށްވަނަ ސީޒަނަށް ފަހު ޝޯ ނިންމާލުމަށް ހަމަޖައްސައިފިއެވެ.

މަޝްހޫރު ސްޕެނިޝް ޝޯ އެލީޓްއަށް ނެޓްފްލިކްސްއިން އިތުބާރު ކުރާ މިންވަރު ވަރަށް ބޮޑެވެ. މީގެ ކުރީން ޝޯގެ ދެ ސީޒަނެއް އެކީގައި ރިނިއުކޮށްފައި އަނެއްކާ މިއަހަރުގެ ކުރީކޮޅުގައި ޝޯގެ އަށް ވަނަ ސީޒަނަށް ރިނިއު ކުރުމުން އެކަން ސާބިތުވެއެވެ.

ޝޯގެ ހަތް ވަނަ ސީޒަން މިއަދުން ފެށިގެން ސްޓްރީމް ކުރުމަށް ވަނީ ނެޓްފްލިކްސްއިން ރިލީޒް ކޮށްފައެވެ. ޝޯގެ ހަތްވަނަ ސީޒަން ވެސް ރިލީޒް ނުކުރަނީސް ޝޯގެ އަށް ވަނަ ސީޒަން އިއުލާން ކުރިއެވެ.

އެންމެ ފުރަތަމަ ޝޯގެ އަށް ވަނަ ސީޒަން އިއުލާނު ކުރި އިރު އެ ޝޯ ނިމޭނެ ކަމަށް ހާމަކޮށްފައެއް ނުވެއެވެ. އޭރުވެސް ވާހަކަ ދެކެވެމުން ދިޔައީ ޝޯގެ އިތުރު ސީޒަންތަކެއްގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ކަމުގައެވެ. ނަމަވެސް މިހާރު ނެޓްފްލިކްސްއިން ބުނަނީ ޝޯގެ އަށް ވަނަ ސީޒަން އާއެކު ޝޯ ނިމޭނެ ކަމަށެވެ.

ޝޯގެ ހަތް ވަނަ ސީޒަންގައި ނަފުސާނީ ބަލިތަކާއި އެއިން އަރައިގަންނާނެ ގޮތުގެ މައްޗަށް ވާހަކަތައް ދެކެވޭނެ ކަމަށް ޝޯގެ ޕްރޮޑަކްޝަނުން ބުނެއެވެ.

އަދި އަށް ވަނަ ސީޒަން ވާނީ އެލީޓް ފޭނުންނަށް ވަރަށް ހާއްސަ ސީޒަނަކަށް ކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން އަށް ވަނަ ސީޒަންގައި ޝޯގެ އެންމެ ފުރަތަމަ ސީޒަނުން ފެނުނު އޮރިޖިނަލް ކާސްޓުންގެ ބައެއް އެކްޓަރުން ފެނިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަށް ވަނަ ސީޒަންގައި އެނބުރި އަންނާނީ ޝޯގައި "ނާދިއާ"ގެ ރޯލުން ފެނުނު މިނެލް ހަމާނީއެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން އެކްޓަރުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އެލީޓްގެ އަށްވަނަ ސީޒަންގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާއިރު އަންނަ އަހަރުގެ މެދުތެރޭގައި ފަހު ސީޒަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް