އިދިކޮޅުގެ ވެރިކަމެއްގައި ހިލާލީގެ ވާނީ ގޭންގުތަކުގެ ކޮމާންޑު ސެންޓަރަކަށް: އިމްރާން

އައްޑޫގައި ބޭއްވި ރައީސްގެ ކެންޕޭން ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި ނާއިބު ރައީސް ދިރިއުޅުއްވާ ހިލާލީގެ ވާނީ ގޭންގުތަކުގެ ކޮމާންޑު ސެންޓަރަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ކޯލިޝަނުން އައްޑޫގައި ބޭއްވި ކެންޕޭނު ޖަލްސާގަައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރަނިންމޭޓަކަށް ހުސައިން މުޙައްމަދު ލަތީފް، ކަނޑައެޅީ މަޖުބޫރުވެގެން ކަމަށާއި، އެކަމުގެ ސަބަބު ސަލާމަތީ ޚިދުމަތްތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި އޭނާ ވަނީ ޑރ. މުއިއްޒުގެ ކެންޕޭނަށް ގޭންގުތަކުން ފަންޑު ކުރާ ކަމަށް ތުހުމަތު ކުރައްވާ ވާހަކަދައްކަވާފައެވެ.

"މިއަދުގެ ހާލަތަކީ، ކެމްޕޭނުގެ ފަންޑު ސީދާ ނުކުމެ ގޭންގުތަކުން ނުކުމެ ކުރާ ހިސާބަށް އެދަނީ،"، އިމްރާން ވިދާޅުވިއެވެ.

"ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވައިފި ނަމަ، ނާއިބު ރައީސް އުޅުއްވާ ހިލާލީގެ ވާނީ ގޭންގުތައް އޮޕަރޭޓުކުރާ ކޮމާންޑް ސެންޓަރަކަށް،"

އޭނާ ވިދާޅުވީ އިދިކޮޅުގެ ވެރިކަމެއްގައި ޕޮލިސް ކޮމިޝަނަރު ކަމަށާއި، ޕީޖީކަމަށް އައްޔަނު ކުރާނީ ގޭންގު ލީޑަރެއް ކަމަށެވެ.

އެ ވާހަކަތައް ވިދާޅުވުމަށް ފަހު އިމްރާން ވަނީ އެއީ ނުރައްކާތެރި ވާހަކައެއް ކަމަށާއި، އެ ވާހަކަ ދެއްކުމުން އޭނައާއި، އޭނާގެ އާއިލާ ނުރައްކަލަށް ހުށަހެޅޭނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޑރ. މުއިއްޒުގެ ރަނިންމޭޓް، ހުސައިން މުޙައްމަދު ލަތީފަށް ނިސްބަތް ކުރައްވާ އިމްރާން މި ތުހުމަތުތައް ކުރެއްވި އިރު، މީގެ ކުރިން އެމްޑީޕީ ކޯލިޝަނުގެ އެކި ވެރިން ވަނީ މުއިއްޒު އަކީ ހަރުކަށި ފިކުރާ ގުޅުވައި ތުހުމަތުތަކެއް ކޮށްފައެވެ.

ޕީޕީއެމް، ޕީއެންސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް