ތާލިބާނުން އަފްޣާން އަންހެނުންނާ ދެކޮޅަށް ހިންގަނީ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއް: އދ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި މުޒާހަރާއެއްގައި އަންހެނުން ބައިވެރިވަނީ -- ފޮޓޯ/ އޭޕީ

އދ. މަޖިލިސް (22 ޖޫން 2023): އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އެގައުމުގެ އަންހެނުން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުން މަހުރޫމު ކޮށްގެންއުޅޭ އުޅުމަކީ އިންސާނިއްޔަތާ ޚިލާފަށް ހިންގާ ބޮޑު ޖަރީމާއެއްކަމަށް އދ.އިން ސިފަކޮށްފިއެވެ.

އދ.އިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ރިޗަޑް ބެނެޓް ވިދާޅުވީ ތާލިބާނުން އަންހެނުން ނިކަމެތިކޮށް އެމީހުން އިލްމާއި މައުރިފާއިން މަހުރޫމު ކުރުމަށް ގެންގުޅޭ ސިޔާސަތަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށާއި މިއީ ދެނެހުރިކަމަށް ނުހަދައި ތިބެން ހެޔޮވާވަރުގެ ކަމެއްނޫން ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައި ބެނެޓް ވިދާޅުވީ ތާލިބާނުން އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ އަރައިގަތުން ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭނެ ކަމެއްނެތްކަމަށް ބެލުމަކީ ވަރަށް ބޮޑުމައްސަލައެއް ކަމަށެވެ. ނަމަވެސް ތާލިބާނުން އަފްޣާން އަންހެނުންނާމެދު އަމަލުކުރާ މި އިހާނާތްތެރި އަމަލުތައް ހުއްޓުވަން އދ.އަށް ކުރެވޭނެކަމެއް ބެނެޓް އަށްވެސް ދެއްކިފައެއް ނުވެއެވެ.

އދ.އިން ވަނީ އަފްޣާނިސްތާނުގެ ދައުލަތް އދ.ގައި ތަމްސީލު ކުރުމުގެ ފުރުސަތު ތާލިބާނުން ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް މިކަމުން ތާލިބާނުން ކުރިމަތިކުރެވޭ މާބޮޑު ފިއްތުމެއްނެތެވެ. ތާލިބާނުން ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި އަދި ބޯދާ ފިކުރުތައް ހުއްޓުވޭ ވަރުގެ ފިޔަވަޅެއް ތާލިބާން ސަރުކާރާ ދެކޮޅަށް އެޅުމަކީ އދ. އަށް ކުރެވޭނެ ކަމެއްކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ތާލިބާނުންނަކީ އދ. ދެކެވެސް އަދި ބައިނަލްއަގްވާމީ އެހެން ފަރާތެއް ދެކެވެސް އެއްވެސް ވަރަކަށް ޖެހިލުންނުވާ އަދިބިރުވެސް ނުގަންނަ ބަޔަކަށްވެފައި ތާލިބާން ސަރުކާރަކީ ވެސް ބައިނަލްއަގްވާމީ މުޖްތަމައާ މުޅިން އެކަހެރިގޮތެއްގައި އުޅުމުގެ ސިޔާސަތެއް ގެންގުޅޭ ސަރުކާރެކެވެ.

އދ.އިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ރިޗަޑް ބެނެޓް ވަނީ އަފްޣާން އަންހެނުން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުން މަހުރޫމުކުރުމަށް ތާލިބާން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ކިބައިން އެދިވަޑައިގެންފައެވެ.

ދެހާސްއެއް ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އަރައިގަނެ އެގައުމުގެ އެތަންމިތަނަށް ހަމަލާދީ އެތައް ލައްކަބަޔަކު މަރައި އަފްޣާނިސްތާނުގައި ސިއްރު ޖަލުތައް ހަދައިގެން އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްދީ އިންސާނީ ހައްގުތަކާ ޚިލާފު ގިނަ އަމަލުތަކެއް ހިންގާފައިވާއިރު 2021 ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނުން ފައިބަންޖެހުނީ އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް އަފްޣާން ރައްޔިތުންނާއި ތާލިބާން ޖަމާއަތް ތެދުވުމުންނެވެ.

އެމެރިކާ ފޭބުމާއެކު އަފްޣާނިސްތާނުގައި އެމެރިކާ އުފައްދާފައިވާ ގޮނޑިކޮއްކޮ ސަރުކާރުވަނީ ވެއްޓިފައެވެ. އަދި އެސަރުކާރުގެ ދިފާއުގައި އެމެރިކާ އުފެއްދި އަފްޣާން ސިފައިންގެ ލަޝްކަރުތައްވެސްވަނީ އެމެރިކާ ފޭބުމުގެ ކުރިން ރޫޅިގެންގޮސްފައެވެ.

ތާލިބާނުން ވެރިކަމަށް އައުމަށްފަހު އަފްޣާނިސްތާނުގައިވަނީ ސުލްހަ ގާއިމްކުރެވި އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ވަކިތަކުން އަފްޣާނިސްތާނުވަނީ ސަލާމަތްކޮށްފައެވެ. އަދި ހަނގުރާމައާއި ތަޅާފޮޅުންތަކުންވެސް އަފްޣާނިސްތާނުވަނީ މިންޖުވެފައެވެ.

ނަމަވެސް ތާލިބާނުން ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި އަދި ހައްދު ފަހަނަޅާފައިވާ ފިކުރުގެ ނުރައްކާތެރިކަން ކުޑައެއްނޫނެވެ. އެފިކުރުގެ ހިޔަނި އަފްޣާން ރައްޔިތުންގެ މުސްތަގްބަލަށްވަނީ އެޅިފައެވެ. މިގޮތުން ތާލިބާން ސަރުކާރުންވަނީ އަފްޣާން އަންހެން ކުދިން ސްކޫލްތަކަށް ދިޔުން މަނާކޮށްފައެވެ. އަދި އަފްޣާން އަންހެނުން ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ގޮސް ތައުލީމު ހާސިލްކުރުންވެސްވަނީ މަނާކޮށްފައެވެ. އަދި އަފްޣާން އަންހެނުންވަނީ ވަޒީފާގެ ފުރުސަތުންވެސް މަހުރޫމްކޮށްފައެވެ.

ތާލިބާނުންނަކީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގުޑާ ބައެއްނޫނެވެ. އެހެންކަމުން ތާލިބާނުން އެކަހެރިނުކޮށް އެމީހުންނާ ވަހަކަދައްކައިގެން މެނުވީ މިމައްސަލަ ހައްލުނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އެމެރިކާވަނީ އަފްޣާނިސްތާން ރައްޔިތުންގެ ފައިސާގެ ތެރެއިން ހަތް ބިލިޔަން ޑޮލަރު ހިފަހައްޓާފައެވެ. އަފްޣާން ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފަދަ އިންސާނީ އަސާސީ ތަކެތި ގަތުމަށް މިފައިސާ ދޫކުރުމަށްވެސް އެމެރިކާވަނީ ދެކޮޅު ހަދާފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ތާލިބާނުންގެ ހަރުކަށި ފިކުރުގެ ސަބަބުން އަފްޣާން ރައްޔިތުން ވަނީ ވަރަށް ނިކަމެތި ހާލަތަކަށް ގޮސްފައެވެ.

comment ކޮމެންޓް