ނަޝީދުގެ ވިސްނުންފުޅަކީ ފެޑެރަލިސްޓް ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުން

ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ ތިލައުތުރު އެވޯޑު ހަފުލާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ޓްވިޓާ

ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރާއްޖޭގައި ފެޑެރަލް ވެރިކަމުގެ ނިޒާމެއް ގާއިމްކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ ތިލައުތުރު އެވޯޑު ހަފުލާ ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ފެޑެރަލް ދިވެހި ރާއްޖެއަކަށް ދިވެހި ރާއްޖެ އަލިވިލެން ވެއްޖެކަން ހަމަ ގައިމު ވެސް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ ތިލައުތުރު އެވޯޑު ހަފުލާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ޓްވިޓާ

ބަލުރަމާނީ ވެރިކަމުގެ ނިޒާމަށް ވަކާލާތުކުރައްވަމުން ގެންދަވާ ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ބާރުވެރިކަމާއި ގުދުތަރީ ވަސީލަތްތަކުގެ މިލްކުވެރިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރަށްވެހިންގެ އަތުގައި ނަމަވެސް، ޒަމާނުއްސުރެން އެކަން ހިނގަމުން އަންނަނީ އެހެން ނޫން ކަމަށެވެ.

"ކުރީގާ މާލޭ ގޭގޭގެ ސުފުރާއަށް ހުރި މި ރަށްތައް. ކާނޭ ވަރަކަށް ކާންވީ. ދެން ދާދި ފަހަކުން އައިސް މިނިސްޓްރީ ތަކުގައި ވުޒާރާތަކުގައި ރަށްތައް އެބަހުރި. ރިޝްވަތު ދިންވަރަކަށް ލިބޭ ގޮތަށް. ފެށުނީއްސުރެ ތިބޭފުޅުން ވަކާލާތުކުރަމުންތިއައީ މި ރަށްތައް ތިމަންނާމެން ބޭނުމޭ. އެއީ ތިމަންނާމެންގެ ގުދުރަތީ ވަސީލަތޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފެޑެރަލް ވެރިކަމުގެ ނިޒާމެއްގައި އެ އަތޮޅެއްގެ ރައްޔިތުންނަށް އެ އަތޮޅެއްގެ ކަންކަން ބެލެހެއްޓޭނެއެވެ. އެފަދަ ނިޒާމެއްގައި އެ އަތޮޅެއްގެ ވެރިކަންކުރުމާއި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމާއި ތަނަވަސްކަން ހޯދައިދިނުމުގެ އިތުރުން އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރާނީ ވެސް އެ އަތޮޅެއްގެ ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކަށް ނުސީދާ ފާޑެއް އަމާޒުކުރައްވަމުން ނަޝީދު ވިދާޅުވީ ހަގީގީ ތަރައްގީއަކީ އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ ބަދަލުގައި ރައްޔިތުންގެ އަތަށް ބާރުތައް ދޫކޮށްލުން ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ފަހިކޮށްދޭނީ ފެޑެރަލް ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅަން ޖެހޭނީ މަލްޓިޕާޕޯސް ހޯލެއް ނޫން. އަޅަން ޖެހެނީ މަގެއް ވެސް ނޫން. ދޭން ޖެހެނީ ބާރު. ދޫކޮށްލަން ޖެހެނީ ކަސްތޮޅު. ހެދި ފޯދި ދިއުމަށް ފުރުސަތު ދޭންވީ. ފިތުރަތުގެ ނިޒާމަކީ ހެދި ފޯދި ދިއުން. އޮބަހެއްޓުން ހިފެހެއްޓުން،" ނަޝީދު ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ ތިލައުތުރު އެވޯޑު ހަފުލާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ޓްވިޓާ

ރާއްޖެ މިހާރު ދަރަނިވެރިވެފައިވާ މިންވަރާ ގުޅުވާ ނަޝީދު ވިދާޅުވީ، ދަރަންޏަށް ޒިންމާވުމުގެ ހައްގު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ. އެގޮތުން ދަރަނި އެކުގައިހެން މާލެއަށް ޚަރަދުކުރި ނަމަވެސް، ދަރަންޏަށް ޒިންމާވާން ޖެހެނީ މުޅި ރާއްޖޭގެ ރައްޔިތުން ކަމަށާއި ފެޑެރަލް ވެރިކަމުގެ ނިޒާމެއްގައި މި ދަރަންޏަށް މާލޭ ސިޓީ ކައުންސިލުން ޒިންމާވާން ޖެހޭ ގޮތަށް ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައްޔިތުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ވޯޓަކީ ކޮންމެ ޖީލަކު އެއްފަހަރު ނަގަންޖެހޭ ވޯޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެޑެރަލިސްޓް ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަތައް ނަޝީދު ދައްކަވާފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އުފައްދަން މަސައްކަތް ކުރަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީން ވެސް ގެންދަނީ މިކަމަށް ވަކާލާތުކުރަމުންނެވެ.

comment ކޮމެންޓް