ބޮމުގެ ހަމަލާއަށް ދެ އަހަރު: ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ޝަކުވާތައް ބަންޑުން ކޮށްލައިފި

ރައީސް ނަޝީދަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްްދަވަމުން ދިޔަ ދުވަސް ވަރު: ފޮޓޯ: ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެގެންދިޔައިރުވެސް އެ މަނިކުފާނަށް އިންސާފު ހޯދައި ނުދެވޭ ކަމަށް ބުނެ އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން، އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނެއެވެ.

އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން އެ ހަމަލާއަށް ދެ އަހަރު ފުރިގެންދިޔައިރު، މިހާތަނަށްވެސް އެ ނުރައްކާތެރި ހަމަލާގެ މުގުލުގައި ތިބި މީހުން ދެނެގެނެވިފައި ނުވާ ކަމަށެވެ. އަދި، ނަޝީދު އެ ޕާޓީއެއްގެ ރައީސްކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މި ވެރިކަމުގެ ބާރުހުރި ބޭފުޅުން ތިއްބެވީ ރައީސް ނަޝީދަށް އިންސާފު ލިބުނަނުދީ ހިފަހައްޓައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހަމަލާގެ ތަހުގީގުގައި ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށާއި، ރައީސް ޞާލިޙްއަށް ރައީސް ނަޝީދަށް އިންސާފު ހޯއްދަވައި ނުދެއްވޭނެ ކަމަށް ވިދާޅުވެ މެމްބަރު ހަސަން ލަތީފް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، އެ ހަމަލާއަށް ދެ އަހަރު ވެގެން ދިޔައިރުވެސް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ދެނެގަނެވުމާ ކައިރިއަށް ވެސް ވާސިލުވެވިފައިނުވާ ކަމަށް މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.

ސަރުކާރަށް ސީރިއަސް ތަހުގީގެއް ހިންގިފައި ނުވާއިރު ވެސް، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓުވަން މަސައްކަތް ކުރުމަށް ކަމަށްވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6 2021 ވަނަ އަހަރު ދިން ހަމަލާއަށް ފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުން އެތައް ކަމެއް ހާމަވެގެން ދިޔައެވެ. ހާދިސާ ހިނގާދިޔުމުގައި އެތައް އިހުމާލެއް ފާހަގަކޮށްފައިވެއެވެ.

ކޮމިޓީގެ ފަރާތުން ސަރުކާރަށް ހުށަހަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށާއި، އެކަންކަން ސަރުކާރުން ކުރަމުންދޭތޯ މަޖިލީހުން ގާތުން ބަލަމުން ގެންދިޔުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ސަރުކާރުން ބުނަމުން ގެންދިޔައީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ނެގި ކަމަށެވެ.

އެގޮތުން، ހަމަލާގެ ތަހުގީގު ކުރިއަށް ދާގޮތް ގާތުން ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހާއްސަ މަންދޫބެއް ވެސް އައްޔަންކުރެއްވިއެވެ. ތަހުގީގުގެ ފުރަތަމަ ބައި ނިންމާލުމަށްފަހު ރައީސްގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ ދެން ކުރިޔަށްގެންދާނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުންކަމަށް ވިދާޅުވެފައެވެ.

ހަމަލާއާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއީ 2019 ވަނަ އަހަރުން ފެށިގެން ރާވަމުން އައިސް، މިކަމަށް އެތައް ހަރަދުތަކެއް ކޮށްފައިވެއެވެ. ހަމަލާގައި ޢަމަލީގޮތުން ބައިވެރިވި މީހުން ސަލާމަތްކުރަން މަސައްކަތްކުރަނީ، ހަމަލާ ރޭވުމަށާއި ގާނޫނީ ވަކީލުންނަށް ފަންޑުކުރި މީހުންތޯ ސުވާލު އުފައްދަވައި ވަކީލުންނަށް ފަންޑުކުރި މީހުން ހޯދާ އާންމުކުރަން ޖެހޭ ކަމަށާއި، ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އޭރު ގޮވާލިއެވެ.

comment ކޮމެންޓް