ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މިއީ މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ 17ގައި އޮތް އަޑުއެހުމަށްފަހު، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.
މި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ. އެއީ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، އެ ތިން ބޭފުޅުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ ކަމަށް ބުނެއެވެ.
އޭގެ ފަހުން ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި މަޖިލީހުން ވަނީ އަޒްމިރަލްދާއާއި މަހާޒަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ، ދެ ބޭފުޅުން މަގާމުން ވަކިކޮށްފައެވެ.
އެ ހުރިހާ ކަމަކަށްފަހު، އެ ކޯޓުގެ ބެންޗަށް އައި ބޮޑު ބަދަލާއެކު، މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން އޮތީ މި މަހުގެ 14ވަނަ ދުވަހެވެ. މިއަދު އޮތީ ހުކުމް އިއްވުމެވެ.

ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގެ ތެރެއިން --
އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރެއްވި ނުކުތާތައް:
- އެންޓި ޑިފެކްޝަންގެ އުސޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކުގައި އޮތް ކަމެއް ނޫންކަން
- ސިޔާސީ ޕާޓީތަކުގައި އުފެދޭ ބައިބައިވުންތައް ކުޑަކުރަން މިފަދަ ފިޔަވަޅުތައް އަޅާކަން
- ރާއްޖެއަށް އެންޓި ޑިފެކްޝަން އުސޫލު މުހިންމުނުވާކަމަށް ބުނެވޭކަަށް ނެތްކަން
- އެންޓި ޑިފެކްޝަން ގާނޫނުތަކަށް އަމަލުކުރުމުގައި އެ ގައުމެއްގެ ދާޚިލީ ހާލަތަށް ރިއާޔަތްކުރޭ.
- އެންޓި ޑިފެކްޝަން އުސޫލަކީ އަސާސީ ހައްގުތަކާ ފުށުއަރާކަމެއް ނޫންކަމަށާއި އެއާ އިދިކޮޅުވާ ކަމެއް މި މައްސަލައިގައި އަލީ ހުސައިނަށް ފާހަގަކޮށް ނުދެވުނުކަން
- އެންޓި ޑިފެކްޝަންގެ އުސޫލަކީ ގާނޫނު އަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭކަމެއް ނޫން.
މި މައްސަލަ ނިންމަވަން ފެނިވަޑައިގަންނަވާކަމަށް އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ގޮތަކީ މި އިސްލާހަކީ ބާތިލް އިސްލާހެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށާއި 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މި އިސްލާހު ތަންފީޒުނުކުރެވޭނެކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް މައްސަލައިގެ މައުޟޫއު ނުވަތަ މައްސަލައިގައި ޖަވާބުދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޝުޖޫން ވަނީ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ.
މި މައްސަލައިގައި ނިންމަވަން ފެނިވަޑައިގެންނެވި ގޮތްކަމަށް ޝުޖޫން ވިދާޅުވީ، ގޮނޑި ގެއްލޭ އިސްލާހުގެތެރެއިން 73ވަނަ މާއްދާގެ ބ.ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އުނިކުރާށެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ހައްގުތަކެއް ގާނޫނު އަސާސީގެ 262ވަނަ މާއްދާގެ ށ ގައި ބަޔާންކުރާ އިޖުރާތުގެ ބޭރުން ބަދަލުކޮށްފައިވާ އިސްލާހެއް ކަމުގައިވާތީއެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 75ވަނަ މާއްދާގައި ބަޔާންކުރާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން އޮތް ހުރަހެއް ކަމުގައިވާތީކަމަށް ދެކެވަޑައިގަންނަވާތީއެވެ.
ނަމަވެސް މި މައްސަލައިގައި ދެން ތިއްބެވި ފަސް ފަނޑިޔާރުން ތާއީދުކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ. އެހެންވެ މި މައްސަލަ ބާތިލްނުކުރެވޭނެ ކަމަށް އެ ކޯޓުން ހުކުމް ކުރީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.