އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)، ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވުމުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް އެ ޕާޓީގެ ޓިކެޓު ދޭން ޕީއެންސީން މިއަދު ނިންމައިފިއެވެ.
މިދިޔަ ހަފުތާ ބަންދުގައި އޮތް ޕީއެންސީ ޕްރައިމަރީގައި ސަޢީދާ ވާދަކުރައްވައި ސިނާން ކާމިޔާބުކުރެއްވީ، 226 ވޯޓު ހޯއްދަވައިގެންނެވެ. ސަޢީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
އެކަމަކު ސިނާން ވަނީ، ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ގެއްލުނު ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވައިފައެވެ.
އެކަމާ ގުޅިގެން މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެއް ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިތުރު ޕްރައިމަރީއަކަށް ހުޅުވައިލަން ވަގުތު ނެތުމާއި، އަދި ޕާޓީއަށްވެސް އެންމެ ރަނގަޅު ގޮތަކީ ސަޢީދު ވާދަކުރެއްވުން ކަމަށް ފެންނާތީ އެ ޕާޓީގެ ޓިކެޓު އޭނާއަށް ދޭން ނިންމީ ކަމަށެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީއަށް ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ.
"ކުރީ ސަރުކާރުހެން، ބައި-އިލެކްޝަނެއް އޮތެކޭ ކިޔައިފައި އަޅުގަނޑުމެން [މަޝްރޫއުތައް] ބަންޑުން ޖަހައެއް ނުލާނަން އިނގޭތޯ، ހުރިހާ ރައްޔިތުންވެސް އެކަން އެއީ ކުރެވިގެން ވާނެ ކަމެއްނޫންކަމަށް އަބަދުވެސް ވަކާލާތުކުރާތީއާ އެކީގަ، އެހެން ނަމަވެސް، ގޮނޑި ކާމިޔާބުކުރުމަށްޓަކައި ސިޔާސީގޮތުން ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން އެންމެ މަތީ ދަރަޖައިގައި ކުރާ ގޮތަށް މިއޮތީ،" އޭނާ ވިދާޅުވިއެވެ.
ސިނާނަށް ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12ގައި ކަނޑައެޅުމާ ގުޅިގެންނެވެ.
'އެކްސް'ގައި ސިނާން އާންމުކުރެއްވި ބަޔާނެއްގައިވަނީ، ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވީ، ވޭތުވެދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ. އެގޮތުން، ބައި-އިލެކްޝަނަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުސަތުދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.
އެހެންވެ އެގޮތަށް ނިންމެވީ ކަމަށް، ސިނާން ލިޔުއްވައިފައިވެއެވެ.
"މިގޮތަށް ނިންމި ނަމަވެސް މި ގޮނޑި ކާމިޔާބުކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެންޑިޑޭޓެއް އިންތިޚާބުކޮށްދިނުމަށް އަޅުގަނޑު[ގެ] ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ،" އޭނާގެ ޕޯސްޓުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ.