ޗާގޯސް މައްސަލަ: ލިބުނު ކާމިޔާބާއެކު، އެންމެންގެ ތައުރީފް ރައީސަށް

ރައީސް ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސްަ

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމުން، ގިނަ ބައެއްގެ ތައުރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް އަމާޒުވެއްޖެއެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.

https://sun.mv/176662

އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ.

އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

މި މައްސަލަ ރާއްޖެ ކާމިޔާބުކުރުމުން، ރައީސް ޞާލިޙަށް ގިނަ ބަޔަކު ވަނީ މަރުޚަބާ ކިޔައި ތައުރީފް ކޮށްފައެވެ. އޭގެ ތެރޭގައި، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު، އިސްމާއީލް ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޞާލީޙަށް މަރުހަބާ ދަންންވާފައެވެ.

"އިޓްލޮސްގެ މި ނިންމުމަކީ ވަރަށް ވިސްނުންތެރި އަދި އިންސާފުވެރި ނިންމުމެއް،" ފައްޔާޒުގެ ޓުވީޓުގައިވެއެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ސަރުކާރުގެ ފަރާތުން ރައީސް ޞާލިޙު އިސްކޮށް ހުންނަވައިގެން، ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް މިކަމާ ގުޅިގެން ވަނީ، ރައީސް ޞާލިޙަށް މަރުހަބާ އާއި ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުންވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޗާގޯސް މައްސަލައިގައި ބޮޑު ބައެއް ރާއްޖެއަށް ލިބުނީ، ސަރުކާރުން މިކަމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް ބުނެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

ޗާގޯސް އަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސްއަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ. އެ ތަނުގައި އާންމު އާބާދީއެއް ނޯންނައިރު، އިނގިރޭސިން އެތަން ބޭނުން ކުރަނީ ވިޔަފާރި އުސޫލުންނެވެ.

ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިންނާއި އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ.

ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.

ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް