ޞާލިހާއި ޝާހިދުގެ އަމަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ, ވަހީދު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަން ދޫކޮށްލައިފި

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު-- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރަން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު, އިންތިޚާބު ވެއްޖެ ކަމަށް އެ ޕާޓީން ނިންމި ނަމަވެސް އެ މަގާމު ދޫކޮށްލަން އޭނާ މިއަދު ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި, ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.

https://sun.mv/214575

އެއީ އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ.

ފަހުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު, އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު, އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދަށް އިއްޔެ ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ ވަހީދަށް 48 ވޯޓް ލިބި, އޭނާ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބު ވެފައިވާ ކަމަށެވެ. އެ ރިޕޯޓްގައި ވޯޓް ލިބުނު ގޮތުގެ ތަފްސީލު ވެސް ހިމަނައިފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ---- ސަން ފޮޓޯ/ ހުސައިން ހާފިޒު

ނަމަވެސް އަބްދުالله ވަހީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އިންތިޚާބުވި އެ މަގާމު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުތައް އޭނާ ވަނީ ބަޔާނުގައި ހާމަ ކުރައްވައިފައެވެ.

ވަހީދު ވިދާޅުވިގޮތުގައި އޭނާ އެ މަގާމަށް ކުރިމަތި ލެއްވުމަށް ނިންމެވީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އެ ހުށަހެޅުން އައުމާއެކު ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ޕާޓީގެ އެޑްވައިޒަރު, އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާ ހޯއްދެވި ކަމަަށާއި ދެ ބޭފުޅުން ވެސް ލަފާ ދެއްވީ އެކަމުގައި ކުރިއަށް ދިއުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް އެ ދެ ބޭފުޅުންނާއި ޕާލަމެންޓްރީ ގުރޫޕުގެ ބޭފުޅުން ފަހުން އަމަލު ކުރެއްވީ ވިދާޅުވިގޮތާ ޚިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ތާއީދު ކުރައްވައި, އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިތްވަރު ދެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން އެ ވޯޓާ ހަމައަށް ދިޔައިރު އަމަލު ކުރެއްވި ގޮތުންނާއި, އަދި އެ ވޯޓަށް ފަހު އެ ފަރާތްތަކުން އަމަލު ކުރައްވަމުން ގެންދަވާފައިވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން," ވަހީދުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެ މަގާމުގައި އިތުރަށް ދެމި ނުހުންނަށް ނިންމާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ އެގޮތަށް ނިންމީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި އެފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށް, ޞާލިހާއި ޝާހިދުގެ ކިބައިން ވަހީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ޕާޓީގެ ބަދަހިކަން ހިފެހެއްޓުމަށް އެ ދެ ބޭފުޅުން މަސައްކަތް ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާއެކު, ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާދަވެރިކަން އަނެއްކާވެސް ވަނީ ބޮޑުވެފައެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ޞާލިޙްގެ ފެކްޝަނުން ގެންނަން ބޭނުންވީ ކުރީގެ މަޖިލިސް ރައީސް މުޙައްމަދު އަސްލަމް ކަމަށް އޭރު ވާހަކަ ދެކެވުނެވެ. ނަމަވެސް އެމްޑީޕީގެ ގާނޫނީ ޓީމުން ލަފާ ދިނީ ގައުމީ މަޖިލީހުގައި ނީންނަވާ, އަދި އިންތިޚާބީ މަގާމެއްގައި ނެތް ބޭފުޅަކަށް އެ މަގާމަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ. އެއާއެކު ވޯޓަށް ދިޔައީ ވަހީދުގެ ނަން އެކަންޏެވެ.

comment ކޮމެންޓް