މުދަލާއި ޚިދުމަތުގެ އަގު ހަތަރު އިންސައްތަ ބޮޑުވެއްޖެ

ބާޒާރު ސަރަހައްދުގައި ބިދޭސީ އަކު ދޮންކެޔޮގަނޑެއް ކޮނޑުޖަހާލައިގެން. ޢާންމުކޮށް ހުރިހާ ކާބޯތަކެއްޗެއްގެ އަގު ވަނީ އަށް ޕަސެންޓު ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުދަލާއި ޚިދުމަތުގެ އަގުތައް އަހަރެއްގެ ތެރޭގައި ހަތަރު ޕަސެންޓު ބޮޑުވެއްޖެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންބީއެސްއިން އާންމުކުރި މާރިޗު މަހުގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުން ނިމިދިޔަ އަހަރުގެ މާރިޗުން މި އަހަރުގެ މާރިޗުގެ ނިޔަލަށް، އިންފްލޭޝަން ހުރީ 3.97 ޕަސެންޓުގައެވެ. އަހަރެއްގެ ތެރޭގައި އިންފްލޭޝަން މި ނިސްބަތުން އިތުރުވީ ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރިޗު މަހު އަގު އުފުލުނީ 0.38 ޕަސެންޓެވެ.

ވޭތުވި އަހަރުގެ ތެރޭގައި އަގު އެންމެ ބޮޑުވީ ކާބޯތަކެތީގެ ބައިންނެވެ. ކާބޯތަކެތީގެ އަގުތައް 7 ޕަސެންޓު އިތުރުވެފައިވާއިރު، އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ކަނޑު މަހުގެ ބާވަތްތަކުގެއެވެ. އެ މުއްދަތުގެ ތެރޭގައި ތަރުކާރީގެ އަގު ވަނީ 0.43 ޕަސެންޓު ކުޑަވެފައެވެ.

ދެން އެންމެ ބޮޑުވީ ކަރަންޓާއި ދަތުރުފަތުރުގެ އަގެވެ. އެގޮތުން ކަރަންޓުގެ އަގު ތިން ޕަސެންޓު އިތުރުވިއިރު، ދަތުރުފަތުރު އަގު ވަނީ އަށް ޕަސެންޓު ބޮޑުވެފައެވެ. ކަރަންޓާއި ދަތުރުފަތުރުގެ އަގު އުފުލޭ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުން ތެލާއި ހަކަތައިގެ އެހެން ބާވަތްތަކުގެ އަގު އުފުލިފައިވުމެވެ.

އަގު އުފުލުނު އިތުރު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ރެސްޓޯރަންޓާއި އެކޮމޮޑޭޝަން - 7.52 ޕަސެންޓު
  • ބޭސްފަރުވާ - 4.28 ޕަސެންޓު
  • ދުންފަތާއި ދުފުމުގެ ބާވަތްތައް - 4.44 ޕަސެންޓު
  • ތައުލީމީ ޚިދުމަތްތައް - 4.63 ޕަސެންޓު

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އަހަރު މުދަލާއި ޚިދުމަތްތަކުގެ އަގު ނިމިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސެންޓު ބޮޑުވާނެއެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ ބޮޑުވުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލާއި ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް