މިދިޔަ މަހު މީރާއަށް 3.6 ބިލިއަން ރުފިޔާ، އަންދާޒާއަށް ވުރެ 12 ޕަސެންޓް އިތުރު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހުގެ ތެރޭގައި މީރާއަށް 3.6 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި އެއީ އަންދާޒާކުރި ވަރަށް ވުރެ 12.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބިފައިވަނީ، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ލިބުނު އާމްދަނީ އަޅައިބަލާއިރު މިއަހަރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު 18.9 ޕަސެންޓް އިތުރުވެފައިވުން ކަމަށް މީރާއިން ބުންޏެވެ.

ހަމައެއާއެކު، ސުންގަޑިއަށް ފައިސާ ދައްކާފައިވާ މިންވަރު އިތުރުވުމާ ގުޅިގެން މިއަހަރުގެ އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވެއެވެ. އަދި ކޮމާޝަލް ބޭންކުތަކުން ވަނީ މި މަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއްދައްކާފައި ކަމަށް ވެސް މީރާއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ އާމްދަނީއަށް ބިނާކޮށް ޖީޖީއެސްޓީގެ އާ ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އާ ރޭޓުގައި ޖީޖީއެސްޓީ ބަލައިގެންފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީއިން އާމްދަނީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގައި ކަމަށްވާތީ އެއަހަރުގެ ޖަނަވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވެއެވެ. ނަމަވެސް މި ހިންގާ ޖަނަވަރީ މަހުގައި މި އާމްދަނީ ބަލައިގަނެފައިވާތީ މިދިޔަ އަހަރާ އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މިމަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހެވެ. އެއީ 46.62 ނުވަތަ 1.68 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ 39.29 ޕަސެންޓް ނުވަތަ 1.41 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 99.56 މިލިއަން ރުފިޔާ (2.77 ޕަސެންޓް)، އެއަޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 94.62 މިލިއަން ރުފިޔާ (2.63 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 92.23 މިލިއަން ރުފިޔާ (2.57 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާފީގެ ގޮތުގައި 220.38 މިލިއަން ރުފިޔާ (6.13 ޕަސެންޓް) ލިބިފައިވާ ކަމަށް މީރާއިން ވަނީ މައުލޫމާތު ދީފައެވެ.

މީރާއިން ބުނީ މިމަހުގެ ތެރޭގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 102.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށެެވެ.

comment ކޮމެންޓް