އިސްދޫ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކޮށް، އެމްޑީޕީއަށް

އޮގަސްޓް 30، 2021: ޖުމްހޫރީ ޕާޓީއަށް މީހުން ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އަލީ ހަމީދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތްކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއެކު ހެދި ކޯލިޝަން އެއްބަސްވުން މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށް، އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓުނަ ނުދީ ވެރިކަމުގެ ދައުރު ވަރަށް ފުރިހަމައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމަކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ފުރުސަތު އަޅުގަނޑުމެން ދިވެހި ރައްޔިތުން ދޭން ޖެހޭ އެއީ އިޖުތިމާއީ ހަމަޖެހުމާއި އިގުތިސާދީ ހަމަޖެހުމާ އަދި ގައުމުގެ ލާބައަށްޓަކާ،" އަލީ ހަމީދު ވިދާޅުވިއެވެ.

އޭނާ ޖުމްހޫރީ ޕާޓީއިން ވަކިވުމުން، ދެން މަޖިލީހުގައި ތިއްބަވާނީ އެ ޕާޓީ ތަމްސީލް ކުރައްވާ ދެ މެމްބަރުންނެވެ. އެއީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިނެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވުމުން އެ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުންގެ އަދަދު ވަނީ 66އަށް އަރާފައެވެ. އެ ޕާޓީގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނަކާއި ޕާޓީގެ ލީޑަރު މުޙައްމަދު ނަޝީދަށް ތާއިދު ކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ. އެގޮތުން މަޖިލީހުގެ ގާތްގަނޑަކަށް 12 މެމްބަރުން މަސައްކަތް ކުރައްވަނީ ނަޝީދާއެކުގައެވެ.

އެހެން ޕާޓީތަކަށް ބަލާއިރު، ޕީޕީއެމްގެ ފަސް މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.

ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި ހެރިޓޭޖުގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުގެ އިތުރުން އިމިގްރޭޝަންގެ ކޮންޓްރޯލާ އަހްމަދު ހުސައިން (ހަނަފީ)އެވެ.

https://sun.mv/175669

ގާސިމް ވަނީ، ސަރުކާރުގެ މަގާމުތަކުގައި ތިބި ޖޭޕީގެ މެމްބަރުން ޕާޓީން ވަކިވަމުން ދަނީ މަގާމު ދިފާއުކުރުމަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް