ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އިބްރާހީމް މުހައްމަދު މަނިކު (އިސްތަފާ އިބްރާހީމް މަނިކު) މިއަދު އަވަހާރަވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވި ފަހުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މުސްކުޅި ބަލީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، ހާލު ދެރަވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އުމުރުން 83 އަހަރުގައި އަވަހާރަވި އިސްތަފާ އިބްރާހީމް މަނިކުގެ އަންހެން ދަރިކަނބަލަކު ހުންނަވައެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ މެންބަރު ކަމާއި ސަރުކާރު މުވައްޒަފުންގެ ނާދީގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ކަމާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރުކަން ހިމެނެއެވެ.
ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރުގެ ހައިސިއްޔަތުން އިސްތަފާ އިބްރާހީމް މަނިކު ވަނީ ފުލުހުންގެ ކަންކަން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ.