މާލޭގެ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން މަގު މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ.
މަންޒަރު ދުށް މީހަކު 'ސަން'އަށް ބުނީ އެ މީހާ ވެއްޓިފައި ވަނީ މަޖީދީމަގު ކަންމަތީގައި އެމްއެންޕީ އޮފީސް ހުންނަ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ކަމަށެވެ.
އެ މީހާ މަގުމައްޗަށް ވެއްޓުނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މީހާ މަގުމައްޗަށް ވެއްޓުމާއެކު އެ ސަރަހައްދުގައި ތިބި އާންމުންނާއި އާރުސީސީގެ މުވައްޒަފުންގެ އެހީގައި އޭނާ ނަގައިގެން ޕިކަޕަކަށް ލައިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.