ނޮވެމްބަރު މަހު ފުވައްމުލަކުގައި ރިސޯޓެއް ހަދަން ފަށާނެ: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ

އަންނަ ނޮވެމްބަރު މަހުގައި ޏ. ފުވައްމުލަކުގައި ރިސޯޓެއް ހަދަން ފެށޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެ ސިޓީގެ އެއާޕޯޓު އެޅުމަށްފަހު، އެއާޕޯޓު ކައިރިން މޫދާ ވީ ކަޅުއަކިރިގަނޑު ސަރަހައްދުގައި ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން މީގެ ކުރިން ނިންމި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފުވަމުލަކުގައި ރިސޯޓެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބަޔާންކޮށް، ހިމެނިފައިވާ މުހިއްމު މަޝްރޫއެއް ކަމަށެވެ. ނަމަވެސް ދައުރު ނިމެން ގާތްވެފައިވާއިރު ވެސް އެކަން ނުކުރެވި ވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ޔަގީންކޮށް އަރުވަން ނޮވެމްބަރު މަހުގައި އެ ތަނުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެނދު ފިޔަވާ އެހެން ހުރިހާ ވަސީލަތްތައް އެބަހުރި ކަމަށް ވެސް ވިދާޅުވެފައެވެ.

"ރީތިކަން އެބައޮތް. މޫސުން އެބައޮތް، ކަނޑުއަޑި އެބައޮތް. އިމާރާތް ކުރާ މީހުން އެބަތިބި. މަސައްކަތް ކުރާނެ މީހުން އެބަތިބި. އަދި އަޅުގަނޑު ދެކޭ ގޮތުގައި ފައިސާ ވެސް އެބަހުރި،" މި މަހުގެ ހަތަރު ވަނަ ދުވަހު އެ ސިޓީގެ ދޫނޑިގަމު އަވަށުގައި، އެ އަވަށު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓީގައި 1،000 ޓޫރިސްޓު އެނދު ގާއިމްކުރައްވާނެކަމަށެވެ. ފުވައްމުލަކުގައި މިވަގުތު ހުރީ 262 ޓޫރިސްޓު އެނދެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

comment ކޮމެންޓް