މަރާ ބައްދަލުވުމުގެ ކުރިން މިކަން ކޮށްލާށެވެ.

ސަޖިދައިގައި އޮތް މީހެއް --- ފޮޓޯ/ މަސްރާވީ.ކޮމް

ނަމާދުގެ ވާޖިބުކަމަކީ އެއްވެސް މުސްލިމަކަށް އޮޅިފައި އޮންނާނެކަމެއްނޫނެވެ. ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދުގެ އަޅުކަން ރަނގަޅަށް އަދާކޮށްފައިވާނަމަ ހަމަކަށަވަރުން އޭނާ ކާމިޔާބުވެއްޖެއެވެ. އަދި ނަމާދުގެ އަޅުކަން ރަނގަޅަށް އަދާކޮށްފައިނުވާނަމަ އޭނާ ނާކާމިޔާބުވެ ހަލާކުވެއްޖެއެވެ.(އަބޫދާއޫދު: 864 ، ތިރުމިޛީ: 413) ކަން މިހެން ހުރިނަމަވެސް މި މަތިވެރި އަޅުކަން އަދާކުރުމުގައި މީސްތަކުން ތަފާތު ބައިތަކަށް ބެހިގެންވެއެވެ. މީގެ ތަފުސީލު ތިރީގައި އެވަނީއެވެ.

ނަމާދަކީ ވާޖިބެއްކަން ދަލީލުތަކުން އެނގޭއިރުވެސް، އެއީ ވާޖިބެއްކަމަށް އިންކާރުކޮށް ނަމާދު ނުކުރާމީހުން:

މިފަދަ މީހުންނަކީ މުރުތައްދުވެ އިސްލާމްދީނުން ބޭރުވެފައިވާ ކާފިރުންކަމަށް ހުރިހައި ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައި ވެއެވެ. ނަމާދަކީ ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަމަށް ޤަބޫލުކޮށް، ﷲ އަށް ތައުބާވެ ނަމާދުތަކާމެދު ފަރުވާތެރިވެ ނަމާދު ކުރަން ފައްޓައިފުމަށްދާންދެން އެފަދަ މީހުންވާނީ ކާފިރުން ކަމުގައެވެ.(މުސްލިމް: 1/116).

ނަމާދަކީ ވާޖިބެއްކަމަށް އިންކާރުނުކުރާ އެހެންނަމަވެސް ކަންނެތްކަމުން ނުވަތަ ފަރުވާ ކުޑަކަމުގެ ސަބަބުން ނަމާދު ނުކުރާ މީހުން:

މިފަދަ މީހުންނަކީ ދީނުން ބޭރުވެފައިވާ ބައެއްތޯ ނުވަތަ ނޫންތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފުރަތަމަ ބުނެވުނު މީހުންނެކޭ އެއްގޮތަށް މިފަދަ މީހުންވެސް ދީނުން ބޭރުވާނެއެވެ. މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. "މީހާއާ ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ."(ތިރުމިޛީ: 9/2543 ) އެހެން ރިވާޔަތެއްގައިވެއެވެ. "(މީހާއާ) ކުފުރާއި، އީމާންކަމާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ."(މުސްލިމް: 3/1041 ) އެހެންނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންނަކީ ކާފިރުންނެއްނޫނެވެ. ދީނުން ބޭރުނުވިޔަސް އެފަދަ މީހުން އެކުރަނީ ބޮޑު ފާފައެކެވެ. އެފަދަމީހާ ލަސްނުކޮށް ތައުބާވެ އިސްލާހުވާންޖެހޭނެއެވެ.

ނަމާދުކުރުން އެއްކޮށް ދޫކޮށްނުލައި، ބައެއްފަހަރު ނަމާދުކޮށްފައި އަނެއްބައި ފަހަރު ނުކުރާ މީހުން:

މިއީ ނަމާދާމެދު ކުޅިވަރު ކުޅުމެވެ. މިފަދައިން ކަންތައް ކުރުމުގެ ނުބައިކަން ވަރަށް ބޮޑެވެ. އެހެނީ ނަމާދު އަޅައިފައި ހުއްޓައި މަރުވެދާނެކަމަށް އެފަދަ މީހާ ބިރުވެތިވާން ޖެހެއެވެ.

ވަކި ޚާއްޞަ ދުވަސްތަކުގައި އެކަނި ނަމާދުކުރާ މީހުން:

މިގޮތުން ބައެއް މީހުން ހަމައެކަނި ހުކުރު ނަމާދު ކުރެއެވެ. ނުވަތަ ރަމަޟާންމަހުގައި ނަމާދުކޮށް އުޅެއެވެ. އަދި ދުވަހަކު ނަމާދަކަށް ނުދާ މީހާވެސް ނަލަހެދިގެން އީދު ނަމާދަށް ހިނގައިދާނެއެވެ. އަދި ދެރަކަމެއް މެދުވެރިވުމުން ނޫނިވިއްޔާ ވަކިކަމެއް ހާސިލުކުރަން އުޅޭއިރު ނަމާދު ކުރާ މީހުންވެސް އުޅެއެވެ. މިއީ ﷲ އަށް ޚިޔާނާތްތެރިވާ މީހުންނެވެ. މިބައިމީހުން އެންމެ ވައްތަރުވަނީ ނަޞާރާއިންނާއެވެ. އެހެނީ އެބައިމީހުންވެސް އަޅުކަން ކުރަނީ ހަމައެކަނި އާދީއްތަ ދުވަހުއެވެ.

ސިއްހަތު ސަލާމަތުން ހުންނައިރު ބަރާބަރަށް ނަމާދުކުރާ، ނަމަވެސް ބަލިވެއްޖެނަމަ ނަމާދު ނުކުރާ މީހުން:

ބަލި ކިތަންމެ ބޮޑުވިޔަސް ބުއްދި ފިލައިނުދާނަމަ، އެމީހަކަށް ކުޅަދާނަވީ ގޮތަކަށް ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގެތެރޭގައި ކުރަންޖެހޭނެއެވެ. ބަލި މީހުންނަށް އެބައިމީހުންގެ ބަލި ހާލަތާ ގުޅޭގޮތުން، ނަމާދު ކުރުމާއި އަދި އެހެނިހެން އަޅުކަންތައް އަދާކުރުމުގައި ލުއިފަސޭހަ ގޮތްތައް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ.

ބައެއް ނަމާދުތަކަށް ފަރުވާތެރިވެ އަނެއްބައި ނަމާދުތަކަށް ފަރުވާ ކުޑަކުރާ މީހުން:

މިސާލަކަށް މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣުރިބު ނަމާދު އަދާކޮށް، ޢިޝާ ނަމާދާއި ފަތިސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ. މިއީ މުނާފިޤުކަމުގެ ސިފައެއްކަން ޙަދީޘުން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގައިވެއެވެ. "ހަމަކަށަވަރުން، މުނާފިޤުނަށް އެންމެ ބުރަ (އެބަހީ: އެ ދެނަމާދު ކުރުމަށް އެންމެ އުނދަގޫ) ދެނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެ ދެނަމާދުގެ ދަރުމައާއި ސަވާބު އެބައިމީހުންނަށް އެނގޭނަމަ (ބިންމަތީގައި) ފިރުކިފައިނަމަވެސް އެ ދެނަމާދަށް އެބައިމީހުން އައީސްކަން ކަށަވަރެވެ."(މުސްލިމް: 1088)

އަމިއްލަ ރަށުގައި ނުވަތަ ގައުމުގައި ގާއިމުވެ ހުންނައިރު ނަމާދުތަކާމެދު ފަރުވާތެރިވާ، ނަމަވެސް އެހެން ރަށަކަށް ނުވަތަ ގައުމަކަށް ދިއުމަށްފަހު ނަމާދު ނުކުރާމީހުން:

ތިމާ ދިރިއުޅޭ ތަންނޫން އެހެންތަނަކަށް ދިއުމަކީ ތިމާގެ މައްޗަށް ފަރުޟުވެފައިވާ ނަމާދު ކުރުން ދޫކޮށްލެވޭނޭ އުޒުރެއްނޫނެވެ. ތިމާވީ ކޮންމެ ތަނެއްގައިވެސް ﷲ އަށް ތަޤުވާވެރިވުމަށް އަންގަވާފައިވެއެވެ.

ހިކިފަސްތަނެއްގައި ގާއިމުވެ ހުންނައިރު ނަމާދު އަދާކުރާ، އެހެންނަމަވެސް ދަތުރެއް ކުރާނަމަ ދަތުރުމަތީގައި ނަމާދު ނުކުރާ މީހުން:

އެމީހެއްގެ މައްޗަށް ނަމާދު ވާޖިބުވެފައިވާމީހާ، ދަތުރެއްގެ މަތީގައިވުމަކީވެސް ނަމާދު ދޫކޮށްލެވޭނޭ އުޒުރެއްނޫނެވެ. ދަތުރުވެރިޔާވެސް ނަމާދުގެ ވަގުތުގެތެރޭގައި ނަމާދު އަދާކުރުން ވާޖިބުވެގެންވެއެވެ. އޭނާ ބޭނުންވެއްޖެނަމަ ނަމާދުކުރުމުގައި ދަތުރުވެރިޔާއަށް އިސްލާމްދީނުގައި ދެއްވައިފައިވާ ލުއިފަސޭހަކަމުގެ ބޭނުން ކުރެވިދާނެއެވެ.

ޖަމާޢަތުގައި ކުރެވޭ ނަމާދަށް ރައްކާތެރިވެ ބަންގީގެ އަޑަށް މިސްކިތަށް ހާޒިރުވެ ފުރަތަމަ ތަކުބީރާއެކު ނަމާދުގައި ބައިވެރިވެ ނަމާދު ޤާއިމު ކުރާ މީހުން:

މިއީ މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ހޯދައިފި މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘް ކުރައްވާފައި ވެއެވެ. "ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވެގެން، ސާޅީސް ދުވަހު ޖަމާޢަތުގައި ނަމާދުކޮށްފިމީހާ ދެކަމަކުން ރައްކާތެރިވެ (ބަރީއަ) ވެގެންވާ ކަމަށް ލިޔުއްވައިފިއެވެ. އެއީ ނަރަކައިގެ އަޒާބުން ރައްކާތެރި ކޮށްދެއްވުމާއި، މުނާފިޤުކަމުން ރައްކާތެރި ކޮށްދެއްވުމެވެ."(ތިރުމިޛީ: 1/224)

ނަމާދަށް ފަރުވާތެރިވާ އެހެންނަމަވެސް ނަމާދު ކުރަންފަށާތާ އިރުކޮޅެއް ފަހުން ޖަމާޢަތަށް ހާޒިރުވާ މީހުން:

މިސާލަކަށް ދެރަކުޢަތް ނުވަތަ ތިންރަކުޢަތް ފާއިތުވާ ފަހުން ޖަމާޢަތުގައި ބައިވެރިވުމެވެ. މީގެ ކުރީގައި ބުނެވުނު ނުކުތާގައިވާ ފަދައިން، ބަންގީގެ އަޑަށް ނުވަތަ އެއަށްވުރެވެސް ކުރިން މިސްކިތަށް ހާޒިރުވެވަޑައިގެން ފުރަތަމަ ރަކުޢަތުން ފެށިގެން ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށް ސަލަފުއްޞާލިޙުން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވިއެވެ.

ވަރަށް މަދު ފަހަރެއްގައިމެނުވީ ޖަމާޢަތުގައި ބައިވެރިވެގެން ނަމާދު ނުކުރާ މީހުން:

މިފަދަ މީހުން ހުކުރު ނުވަތަ ޢީދުފަދަ ނަމާދެއްގެ ޖަމާޢަތުގައި ބައިވެރި ވެދާނެއެވެ. އެހެނިހެން ނަމާދުތަކުގެ ޖަމާޢަތަށް ފަރުވާލެއް ނުބަހައްޓާނެއެވެ. އެހެންނަމަވެސް ލޯފުޅު އަނދިރި ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު އުންމު މަކްތޫމަށްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވަނީ ޖަމާޢަތް ދޫކޮށްލެއްވުމުގެ ހުއްދަ އެކަލޭގެފާނަށްވެސް ދެއްވެންނެތް ކަމުގައެވެ. (އަބޫދާއޫދު: 552 ، އިބުނު މާޖާ: 792).

ބަރާބަރަށް ނަމާދު އަދާކުރިނަމަވެސް ނަމާދުގެ ސަވާބުން މަދު މިންވަރެއް ލިބޭ މީހުން:

މިފަދަމީހުން ނަމާދުގެތެރޭގައި ވީނަމަވެސް އެމީހުންގެ ވިސްނުމާއި ޚިޔާލުތައްވާނީ އޭނާގެ ދުނިޔެވީ މަސައްކަތްތަކާ ގުޅުވާލެވިފައެވެ. މިސާލަކަށް، އޭނާ ކުރަން ފަށާފައިވާ މަސައްކަތަކާމެދު ޚިޔާލުކޮށްފާނެއެވެ. ނުވަތަ ކުރަން ރާވާފައިވާ ކަމަކާމެދު ޚިޔާލު ކޮށްފާނެއެވެ. މިފަދަ މީހުންގެ ކިބައިގައި ޚުޝޫޢަތްތެރިކަމާއި، ﷲ އަށް ބިރުވެތިވުމާއި، ނަމާދުގައި ﷲ ތަޢާލާއަށް ހިތްނިޔަތް ޚާލިޞް ކުރުމުގެ ސިފަ ނެތެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ނަމާދުގެ ސަވާބުން މަދު މިންވަރެއްމެނުވީ ނުލިބޭނެއެވެ.

ފުރަތަމަ ސަފުން ނުވަތަ ކުރީ ސަފަކުން ޖާގަ ހޯދަން މަސައްކަތްނުކޮށް ފަހަތަށް ޖެހޭ މީހުން:

މިފަދަ މީހުންނަށް ފުރަތަމަ ސަފުން ނުވަތަ ކުރީ ސަފަކުން ޖާގައެއް ލިބެން އޮތަސް އެތަނަށް ނުގޮސް އެހެންމީހުންނަށް ތަންދައްކަން ތިބެއެވެ. ނަމާދުގައި އެންމެ އެދެވިގެންވަނީ ފުރަތަމަ ސަފުން (ނުވަތަ ވީހާވެސް ކުރިމަތީގެ ސަފަކުން) ޖާގަ ހޯދުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ސަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ، ދެން އެކަން ކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއް ނެތް ނަމަ އެކަން ކުރުމަށްޓަކައި އެބައިމީހުން ގުރުއަތުވެސްލީހެވެ."(ބުޚާރީ: 2/580) އެބަހީ: ބަންގި ގޮވާމީހާއަކީ ތިމާކަމުގައިވުމަށާއި، ޖަމާޢަތުގެ ފުރަތަމަ ސަފުން ޖާގަ ހޯދުމަށް އެހާވެސް ބޮޑަށް މީސްތަކުން މަސައްކަތް ކުރީހެވެ.

ނަމާދުގައި ސިއްރުން ކިޔަންޖެހޭ ތަކެތި ބާރަށް ކިޔުމުގެ ސަބަބުން އެހެންމީހުންނަށް އުނދަގޫވާ ގޮތަށް ނަމާދު ކުރާމީހުން:

މިފަދަ މީހުންގެ ސަބަބުން އޭނާއާ ޖެހިގެން ހުންނަމީހާއަށް ނުވަތަ އެއަށްވުރެ ތަންކޮޅެއް ދުރުގައި ހުންނަމީހާއަށްވެސް އުނދަގޫކަން އިހުސާސް ކުރަން ޖެހިދެއެވެ. އެގޮތުން ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔުމުގައި އޮޅުންއަރާ ހިސާބަށް އެފަދަ މީހުންގެ އުނދަގޫ ބޮޑުވާ ފަހަރުވެސް އާދެއެވެ.

ސާފުތާހިރުކަން ކުޑަ ގޮތެއްގައި ނަމާދަށް ހާޒިރުވާ މީހުން:

ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!"(އަޢުރާފު: 31) މިސްކިތަށް ދާއިރު ސާފުތާހިރުކަން ކުޑަ ހެދުން އެޅުމާއި، ހަށިގަނޑުން ނުވަތަ ފޭރާމުން ނުބައިވަސްދުވުމާއި، އަނގައިން ނުބައިވަސްދުވުންފަދަ ކަންތައްތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

ފަރުވާކުޑަކަމާއި ކަންނެތްކަމާއި ދެއްކުންތެރިކަމާއެކު ނަމާދުކުރާ މީހުން:

މިފަދަ މީހުންނާ ބެހޭގޮތުން، ސޫރަތުއްނިސާގެ 142 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، މުނާފިޤުން، ﷲ އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ ޢަމަލުތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން ﷲ ހަނދުމައެއް ނުކުރެތެވެ." އަދި މާޢޫން ސޫރަތުގެ 4 ، 5 އަދި 6 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ."

ތިބާ ހިމެނެނީ މީގެތެރެއިން ކޮންބައެއްގައި ހެއްޔެވެ؟ އަމިއްލައަށް ވަޒަންކޮށްލާށެވެ. ގޯސް ބައެއްގައި ހިމެނޭނަމަ އަވަހަށް ރަނގަޅުކޮށްލަންވާނެއެވެ. މަރާ ބައްދަލުވުމުގެ ކުރިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް