20 އަހަރު ފަހުން ރައީސަކު ދާންދޫއަށް ކުރެއްވި ފުރަތަމަ ދަތުރު: ރައްޔިތުންގެ ބޭނުންތަކުގެ ދިގު ލިސްޓެއް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދާންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދާންދޫއަށް ވަޑައިގަތުމާއެކު އެ ރަށުން ރައްޔިތުން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް ރައީސަށް އަރުވައިފިއެވެ.

ދާންދޫއަށް ރައީސް ވަޑައިގަތީ މިއަދު ހަވީރެވެ. މި ދަތުރުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ރައީސް ޞާލިހު އެ ރަށަށް ވަޑައިގެން، ބަނދަރު ސަރަހައްދުގައި ތިބި ރައްޔިތުންނާ ސަލާމް ކުރެއްވުމަށްފަހު ދާންދޫ ސްކޫލުގައިވަނީ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ޞާލިހު ދާންދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

"އެގޮތުން ދާންދޫ ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުމުގައި ތި ބޭފުޅުންގެ ފަރާތުން އަދި ތި ބޭފުޅުން ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ކަމެއް އަޅުގަނޑުމެންނަށް ހިއްސާކޮށްދެއްވުން އެދެން. ބައެއް ކަންކަން ހުރެދާނެ އަޅުގަނޑުމެންނާ އެހާ ގަބޫލުނުވާ. އެހެންވިޔަސް ސަރުކާރެއްގައި ތިބޭ އިރުގައި ކަންތައްތައް ނިންމަންޖެހޭނީ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައްޔިތުންނަށް ހުޅުވާލި ފުރުސަތުގައި ގިނަ ކަންތައްތަކެއްގެ ވާހަކަވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ޖުމްލަ ގޮތެއްގައި 24 ކަމެއްވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި އެންމެ ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ހުށަހަޅައިފައިވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ގޮތަށް، ހައުސިން މަޝްރޫއެއް އެ ރަށުގައި ފެށުމަށެވެ.

އެ ކަމަށް އެދި 124 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ވަނީ ރައީސަށް އަރުވައިފައެވެ.

ހައުސިން މަޝްރޫއެއް ހިންގުމަށް އެދި 124 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ރައީސަށް ހުށަހެޅުން -- ސަން ފޮޓޯ

މީގެ އިތުރުން ހިމެނޭ މުހިންމު ކަންކަމަކީ:

  1. ރަށުގައި ބޭންކް ބްރާންޗު ގާއިމްކުރުން އަވަސްކުރުން
  2. ރަށުގައި ދޯނިފަހަރު އެހެލާނެ ތަނެއް ހެދުން
  3. ދާންދޫ ބިން ހިއްކަން ވެލި ނެގި އެ ރަށު 'ކަންޑާގެ ފުންވިލު' ޔޮޓް މެރީނާއެއްގެ ގޮތުގައި ތަރައްގީކޮށްދިނުން
  4. ދާންދޫގައި އެތުލެޓިކްސް ޓްރެކެއް ގާއިމްކޮށްދިނުން
  5. ނިލަންދޫއާއި ދާންދޫ ގުޅުވައިލަދި 'ނިލަ ދާންދޫ' ބްރިޖު އެޅުން
  6. މަގުތަކުގައި ތާރު އަޅައިދިނުން
  7. ދާންދޫގައި ލޮލުގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް އަޅައިދިނުން
  8. މަސްވެރިންގެ ކަންކަމަށް ހައްލު ހޯދުން
  9. އިންޓަނޭޝަނަލް ޓްރާންސްޝިޕްމަންޓް ބަނދަރެއް ހުވަދޫ އަތޮޅުގައި ތަރައްގީކުރުން
  10. ދާންދޫގައި ފަތުރުވެރިކަން ފަށަން އިންވެސްޓަރުން ހޯދައިދިނުން.

މީގެ އިތުރުން ވެސް ބައެއް ކަންކަން ހުށަަހަޅައިފައިވެއެވެ.

އެއާއެކު އެ ކަންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ ހުރިހާ ކަންކަމަކީ ވެސް ޚާއްސަ އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

"މި ހުރިހާ ކަމަކަށް އަޅުގަނޑަށް ވަގުތުން ވަގުތަށް މި ގަޑީގައި ޖަވާބެއް ނުދެވިދާނެ. އެކަމަކު މިހާރުއްސުރެ ފަށައިގެން އަޅުގަނޑުމެން އެ މަސައްކަތް ކޮށްފައި، ކޮންމެވެސް ކަހަލަ ހައްލުތަކެއް ކުރެވެން ހުރި ކަންތައްތަކަށް ކޮށްފައި އަޅުގަނޑުމެން ހިއްސާކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދާންދޫގައި ބިން ހިއްކުން ނިންމުން ފާހަގަކުރަން ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެއެވެ.

ދެން އެ މަނިކުފާނު ވަޑައިގަންނަވާނީ، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށެވެ.

comment ކޮމެންޓް