ބޯ ވާރެއާއި ގަދަ ކަނޑުގައި ވެސް ރައީސް ކެމްޕޭނުގައި ކުރިއަށް!

ގއ. ދާންދޫއަށް ރައީސް ވަޑައިގެންނެވުން. ބޯކޮށް ވާރޭވެހުނު އެ ވަގުތު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް މަރުހަބާ ކިޔަން ސަފުގައި ތިބި -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ ކޯލިޝަންގައި ދެވަނަ ދައުރަަކަށް ވާދަކުރައްވައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނުގައި ކުރަމުން އަންނަ ދަތުރުގައި މިއަދުގެ ދަތުރު ފެށީ އެންމެ ހިތް އެދޭ މޫސުމަކާއެކުގައެއް ނޫނެވެ.

ގއ. ގެމަނަފުށިން މިއަދުގެ ފުރަތަމަ ރަށަށް ދަތުރު ފެށިއިރު ވެސް ވާރޭ ވެހެއެވެ. ރައްޔިތުން ހީކޮށްގެން ތިބީ މިއީ ރައީސްގެ ދަތުރުފުޅު މަޑުޖައްސަވައިލައްވައި ބައެއް ރަށްތަކަށް ވަޑައިގަތުން ފަސްކުރައްވައިފާނެ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ގަދަ ވިއްސާރައިގައި ވެސް މިއަދުގެ ރަށްތަކަށް އެ މަނިކުފާނު ދަތުރުފުޅު ފެއްޓެވީ ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕޭނުގެ ފޯރިގަދަ ރޫހުގައެވެ.

މިއަދު ދަތުރުކުރަމުން މި އަންނަ ރަށްތަކުގެ ތެރެއިން، އެންމެ ބޯކޮށް ވާރޭވެހި ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހުނީ ގއ. ދާންދޫއަށް ވަޑައިގެންނެވިއިރުއެވެ. މިއީ މި ކެމްޕޭނުގައި ރައީސް ވަޑައިގަންނެވި 65 ވަނަ ރަށެވެ.

ފަޅު ތެރެއަށް ވަދެވުނުއިރު ގުގުރުމާއެކު ބޯކޮށް ވާރޭވެހެނީއެވެ. ވައި ބާރެވެ. ނަމަވެސް ބަނދަރުމަތިން ފެނުނީ ކެމްޕޭންގެ އާދަޔާ ޚިލާފު ރޫހެކެވެ.

ވެހުނު ބޯވާރޭގައި ރައީސަށް މަރުހަބާ ކިޔުމަށް ދިގު ސަފުތައް ވަނީ އަތުރައިލައިފައެވެ. އެއްބަޔަކު ކުޑަ ނަގައިގެންނެވެ. އަނެއް ބަޔަކު ބޯ ވަރޭގައި ތެމިގެންނެވެ.

ގއ. ދާންދޫއަށް ރައީސް ވަޑައިގެންނެވުން. ބޯކޮށް ވާރޭވެހުނު އެ ވަގުތު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް މަރުހަބާ ކިޔަން ސަފުގައި ތިބި -- ފޮޓޯ/ އެމްޑީޕީ

"މިއޮތް ގަދަ ވިއްސާރައިގައި، ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ރައީސް ވަޑައިގެންނެވީތީ އަޅުގަނޑު ހަމަ ވަރަށް އުފާވޭ،" ތެމިހުރެ "ސަން"އާ ވަހަކަދައްކައިލި އަންހެނަކު ބުނެލިއެވެ.

ރައީސް ވެސް ރަށަށް ބަނދަރުކުރެވުމާއެކު ކޯޓު ތުރުކުރައްވައިގެން، ފައިބާވަޑައިގެން އެ މަނިކުފާނަށް މަރުހަބާ ކިޔަން ސަފުގައި ތިބި ރައްޔިތުންނާ ސަލާމްކުރައްވަން ފެއްޓެވިއެވެ.

ގއ. ދާންދޫގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ ބާރު މިނުގައި ފަސްޖެހުމެއް ނެތި އެ ރަށުގައި ޖަލްސާ ބާއްވަވައި ރައްޔިތުންނަށް ދެއްވީ ތަރައްގީގެ އުންމީދެވެ.

ދެން އަންނަ ދައުރުގައި ދާންދޫއަށް ކޮށްދެއްވާނެ ކަންކަން:

  • ހިއްކި ބިމުގައި ރޯހައުސް ނުވަތަ ފްލެޓު އަޅައިދިނުން
  • ދާންދޫގެ ބޮޑެތި މަގުތައް ޒަމާނީކޮށް، ތާރު އެޅުން
  • ތަފާތު ކުޅިވަރުތައް ކުޅެވޭ ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމެއް އަޅައިދިނުން
  • ބޭންކުގެ ޚިދުމަތް ދިނުން
  • 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދިނުން

އިއްޔެ ދަތުރުކުރީ އަމާން ކަނޑެެއްގައި ނަަމަވެސް، ގަދަ އަވީގައި ގަދަ ހޫނުގައެވެ. މިއަދު މި ދަތުރުކުރަނީ ގަދަ ކަނޑުގައި ބޯ ވިއްސާރައިގައެވެ. ބަދަލެއް ނާންނަނީ ރައީސްގެ ހިތްވަރުފުޅަށެވެ.

comment ކޮމެންޓް