ނަޝީދު އެހެން ގައުމެއް ތަމްސީލުކުރެއްވުމަކީ މި ގައުމަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް: އެމްއާރުއެމް

ރައީސް ނަޝީދާއި ރައީސް މައުމޫން: ކޮޕް27ގައި ނަޝީދު ލަންކާ ތަމްސީލް ކުރައްވާތީ މައުމޫންގެ އެމްއާރުއެމުން ވަނީ ފާޑު ކިޔައިފައި-- ފޮޓޯ: ރައީސް އޮފީސް

މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށް, މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ.

އެކަމާމެދު ރާއްޖޭގެ ފުންނާބު އުސް ބައެއް ގާނޫނީ ބޭފުޅުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވެސް ހިމެނެއެވެ.

https://sun.mv/170029

އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ދައުލަތުގެ ތިން ބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ކޮޕް 27ގައި ރައީސް ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.

"މި ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެކެވެ." ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ރައްޔިތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންނެވުން --- ފޮޓޯ/ މަޖިލިސް

ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވެފައިވާއިރު މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ކޮޕް27ގެ ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ.

އެ ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ، އިންތިޒާމު ކުރާ ބައްދަލުވުމެކެވެ.

ނަޝީދު މިސްރަށް ކުރައްވާ އެ ދަތުރުފުޅުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ކޮޕް27ގެ ހަވާސާގައި ބައްދަލުކުރައްވާނެއެވެ.

މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގުރޫޕުގެ ރިޔާސަތު ބަލަހައްޓަނީ ގާނާއިންނެވެ. އަދި ރާއްޖެއަކީ ވެސް ސީވީއެފްގެ މެންބަރު ގައުމެކެވެ.

ކޮޕް27ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މިސްރަށް ފުރާވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް