ވަރަށް ބިޒީ ... ފަސްކޮށްލެވޭކަށް ނެތްތަ؟

ފޮޓޯ: އެސްއެލްއެމްއޭ.ސީސީ

ކޮންމެ ދުވަހެއްގެ ފަތިހު އަހަންނަށް ހޭލެވި، އާފުރުމާއެކު، އަހަރެންގެ ސިކުނޑީގެ މަސައްކަތްތައް ފަށައެވެ. ކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. އެހެންވެ، ވަރަށް އަވަސްއަވަހަށް އަހަރެން ފަތިސް ނަމާދު ކޮށްލަމެވެ. ގިނަ ވަގުތު، ﷲ އަށް ޒިކުރު ކުރުމުގައި އިންނާކަށް، އަހަންނަކަށް ވަގުތެއްނެތެވެ. އަވަސްއަވަހަށް ނަމާދުކޮށްލައިގެން ދިއުން އެއީ، އަހަންނަށް އައިބުކަމެއްނޫނެވެ.

އުނގެނުމަށްޓަކައި ހޭދަކުރި ކޮންމެ މިނެޓެއްގައިވެސް، އަހަރެންވީ ވަރަށް "ބިޒީ" ކޮށެވެ. މަސައްކަތްތައް ނިންމައި، އެ މަސައްކަތްތައް ހަވާލު ކުރުމުގައެވެ. ފިލާވަޅުތައް ދަސްކޮށް އިމްތިހާނުތަކަށް ތައްޔާރުވުމުގައެވެ. (މަދުރަސީ ދުވަސްވަރު) އަހަރެންގެ އެންމެ ގިނަ ވަގުތު ހޭދަވަނީ، (މަދަރުސާގެ) އިތުރު ހަރަކާތްތަކުގައެވެ. "އަޅުކަމުގައި" ހޭދަކުރާނެ ވަގުތެއް، އަހަންނަކަށް ނުވެއެވެ. ކުރަންހުރި ބައިވަރު މަސައްކަތްތަކެވެ. ހަގީގަތުގައިވެސް އަހަންނަކަށް ހުސްވަގުތެއް ނެތެވެ.

އަހަރެން ބޮޑުމީހަކަށްވެ، ދިރިއުޅުމުގެ މައިދާނަށް ނިކުތުމުން، އަހަރެންގެ މުސްތަގުބަލަށްޓަކައި މުޅި ދުވާލު މަސައްކަތް ކުރަން ފެށީމެވެ. މަސައްކަތުން ނިމި އަހަންނަށް ގެއަށް އާދެވުމުން، "މަޖާ" ކުރުމައިގެން މަޝްޣޫލުވަމެވެ. ފޯނު ކުރުމާއި ޗެޓު ކުރުމުގައެވެ. ގޭމު ކުޅުމާއި ފިލުމު ބެލުމާއި އިންޓަނެޓުގެ ފަތްފުށްތައް ބެލުމުގައި އެތައް ވަގުތެއް ހޭދަކުރަމެވެ. އެކަމަކު ޤުރުއާން ކިޔެވުމާއި ޤުރުއާން އަޑުއެހުމުގައި އަހަރެން ވަގުތު ހޭދައެއް ނުކުރަމެވެ. ދީނީ ދަރުހެއް އަޑުއަހައިލައި ދީނުގެ ފިލާވަޅެއް މުތާލިއާކޮށްލާކަށް ވަގުތެއް ހޭދައެއް ނުކުރަމެވެ. ހިތާމަޔާއެކު ބުނަމެވެ. އަހަރެންގެ "އީމާންކަން" ދުވަހެއް ދުވަހަކަށް ދިޔެއީ ދަށްވަމުންނެވެ.

ދެން އޮތީ ހަފުތާ ބަންދެވެ. އާއްމު ގޮތެއްގައި އަހަރެން ހަފުތާ ބަންދު ހޭދަކުރަނީ، އެކުވެރިންނާއެކުގައެވެ. ބާޒާރު ކުރުމާއި ދަތުރު ދިއުމުގައެވެ. ނޫނީވިއްޔާ ކެފޭފަދަ ތަންތަނުގައި ތިބެ އަނގަތެޅުމުގައެވެ. ޖަމާޢަތަށް މިސްކިތަށް ދާކަށް އަހަރެން ވަގުތެއް ހުހެއް ނުކުރަމެވެ. (އެހެންނަމަވެސް) "ކޮންމެވެސް ސިފައެއްގައި" އަހަރެން ފަސްނަމާދު ކުރަމުއެވެ. ބޮނޑު ނިތް ޖަހާގޮތަށް، ވަރަށް އަވަސްއަވަހަށެވެ. އަހަރެން ވަރަށް "ބިޒީ" އެވެ. އަހަރެންގެ "ބަހަނާ" އަކީ އެއީއެވެ.

ނިކަމެތީންނަށް އެހީތެރިވާކަށް އަހަންނަކަށް ވަގުތެއް ނެތެވެ. އަހަރެންގެ އަދަދެއްނުވާހައި ގިނަ މަސައްކަތްތަކާއެކު، އަހަރެންގެ "އަގުހުރި" ވަގުތުތައް ހުރެ ދެއެވެ. ބަލި ހާލު ޖެހިފައިވާ ރައްޓެއްސަކަށް ނުވަތަ އަވަށްޓެރިއަކަށް ޒިޔާރަތް ކުރާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. ފަގީރަކަށް، މިސްކީނަކަށް ނުވަތަ އުމުރުން ދުވަސްވީ މީހަކަށް އެއްޗެއް ދިނުމަކީ އަހަންނަށް "ދަތި" ކަމެކެވެ. އިޖުތިމާއީ މަސައްކަތްތައްކުގައި ބައިވެރިވެވޭ ވަރަށްވުރެ އަހަރެން މާ "ބިޒީ" އެވެ. އެފަދަ މަސައްކަތަކަށް ނިކުންނަ ފަހަރަކުވެސް، އެންމެ "ކުޑަކޮށް" ބައިވެރިވަނީ އަހަންނެވެ.

އަހަރެންގެ ދިރިއުޅުންވަނީ "ހާސްކަމުން" ފުރިފައެވެ. އެހެންނަމަވެސް، އެކަން ރަނގަޅުކުރަން އަހަރެން މީހަކާ މަޝްވަރާއެއް ނުކުރަމެވެ. އަހަރެން، އަހަރެންގެ އާއިލާއާއެކު މާ ގިނަ ވަގުތެއް ހޭދައެއް ނުކުރަމެވެ. އަހަންނަށް ހީވެފައި އޮތީ، އެއީ "ވަގުތު ބޭކާރު ކުރުން" ކަމުގައެވެ.

ދީނުގެ ދަޢުވަތު ފެތުރުމުގައި ހޭދަކުރާނެ ވަގުތެއް އަހަންނަކަށްނެތެވެ. އެއީ (ކުޅަދާނަވީ މިންވަރަކުން) ކުރަންޖެހޭ ކަމެއްކަން އެނގޭއިރުވެސްމެއެވެ. ސުންނަތް ނަމާދެއް ކުރާކަށް، އެއްގޮތަކަށްވެސް އަހަންނަކަށް ވަގުތެއް ނުވެއެވެ. މި ހުރިހައި ކަމެއް، އަހަރެންގެ "އީމާންކަން" ދަށަށް ދިއުމުގައި ބައިވެރިވިއެވެ.

އަހަރެންގެ މުޅި ދުވަސް، މަސައްކަތުގައި ހޭދަ ކުރަމެވެ. އަދި މުޅި ރޭގަނޑު، ކުޅުމާއި ނިދުމުގައި ހޭދަ ކުރަމެވެ. ދަމުނަމާދު ކުރަން ތެދުވެވޭ ވަރަށްވުރެ އަހަރެންގެ ވަރުބަލިކަން ބޮޑެވެ. އަދި އެއީ އެހާ "މުހިއްމު" ކަމެއްކަމުގައި އަހަރެން ނުބެލީމުއެވެ. އަހަރެން އަދާކުރީ ހަމައެކަނި "އަސާސީ" އަޅުކަންތަކެވެ. އެހެންނަމަވެސް، އެއީ ފުދޭވަރެއްނޫނެވެ. އެހެންވެ، އުފާވެރި ދިރިއުޅުމެއް ލިބިގަތުން އަހަންނަށްވީ އުނދަގޫ ކަމަކަށެވެ.

ﷲ ތަޢާލާގެ އުފެއްދެވުންތަކާމެދު ވިސްނާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ. އެކަލާނގެއަށް އަޅުކަންކޮށް، އެކަލާނގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރާނެ ވަގުތެއްވެސް ނެތެވެ. އަހަރެންގެ އުމުރުގެ "ކުރުކަން" އަހަންނަށް އެނގޭއިރުވެސް މެއެވެ.

އެންމެ ފަހުން .... "ވަގުތު" އައިސް ޖެހިއްޖެ އެވެ. ﷲ ތަޢާލާ އަހަންނަށް ގޮވައިލައްވައިފިއެވެ. އަހަރެންގެ "ހަޔާތު ނާމާ" އާއެކު، އެ އިލާހުގެ ހަޒުރަތުގައި ހުއްޓެން ޖެހުނީއެވެ. އަހަރެން "ހެޔޮ އަމަލު" ކުރީމުއެވެ. އެހެންނަމަވެސް، މާމަދުންނެވެ. އެއަށްވުރެ ގިނަ ހެޔޮ އަމަލުކުރަން އަހަންނަށް ޖެހޭނެއެވެ. ސުވަރުގެއަށް ވަދެވުމާއި ނުވަދެވުން، ބިނާވެގެންވަނީ އަހަރެންގެ އަމަލުތަކުގެ މައްޗަށެވެ.

"ކުށްވެރިއެއް" ކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ. އަހަންނަށް އެކަށީގެންވާ ވަގުތު ލިބުނެވެ. ނަމަވެސް ...... އަހަރެން، އަހަރެންގެ އުމުރުގެ ވަގުތުތައް "ބޭކާރު" ކޮށްލީއެވެ. އަހަރެން ވަރަށް "ބިޒީ" ކަމުގައި ބުނަމުންނެވެ. އެހެންނަމަވެސް، ވަގުތު ފާއިތުވެއްޖެއެވެ! وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (މުނާފިޤޫން: 11) "އަދި اللَّه، އެއްވެސް ނަފުސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ނޯޓު: މިއީ އިސްލާމްދީނަށް ހިދުމަތްކުރާ ވެބްސައިޓަކުން، ލިޔުންތެރިޔާއަށް ފޮނުވި ލިޔުމެއް އަސްލަކަށް ބަލައިގެން، އުނި އިތުރުކުރުންތަކާއެކު ލިޔެފައިވާ ލިޔުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް