މާއުނގޫދޫ ބައި އިލެކްޝަން އެމްޑީޕީއަށް، ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް

ށ. މާއުނގޫދޫ ކައުންސިލުގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާ ---

މިއަދު ކުރިއަށް ދިޔަ ށ. މާއުނގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާ ކާމިޔާބުކޮށްފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާދައްކާ ގޮތުން ޝިމާނާއަށް ޖުމްލަ 359 ވޯޓު ވަނީ ލިބިފައެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އިބްރާހީމް ވަޙީދަށް ލިބުނީ 281 ވޯޓެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.

މިއާއެކު، މިހާރު އެރަށުގެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެންބަރަކާއި، ޕީޕީއެމްގެ ދެ މެންބަރެކެވެ. ޝިމާނާގެ އިތުރުން އެ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގައި ތިއްބެވި ދެ މެންބަރުންނާއެކު، ކައުންސިލުގެ މެޖޯރިޓީގައި ދެން ތިއްބަވާނީ އަންހެން މެންބަރުންނެވެ.

މާއުނގޫދޫ ކައުންސިލުން ގޮނޑިއެއް ހުސްވީ އެ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ މުސްތަފާ އަބްދުލްޤައްޔޫމް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

މީގެ އިތުރުން، މިއަދު ވަނީ ލ. ދަނބިދޫ، ރ. ރަސްމާދޫ އަދި ތ. ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް ބާއްވާފައެވެ.

comment ކޮމެންޓް