އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޞާލިޙްގެ ފެކްޝަނުން ހުށަހެޅި ޣަފޫރަށް، ފައްޔާޒުގެ ތާއީދު

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް: ފައްޔާޒު ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ޞާލިޙްގެ ފެކްޝަނުން ހުށަހެޅި ޣަފޫރަށް ތާއީދު ކުރައްވައިފައި -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރާ ފެކްޝަނުން ހުށަހަޅައިފައިވާ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއަށް ތާއިދުކުރައްވާ ކަމަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީޕީން ވަނީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރަން ނިންމައިފައެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: އޭނާގެ ނަން ވަނީ ވަގުތީ ޗެއާޕާސަން ކަމަށް ހުށަހަޅައިފައި -- ފޮޓޯ/ މަޖިލިސް

އެ ބައްދަލުވުމުގައި ޞާލިޙްގެ ފެކްޝަނުން ހުށަހަޅަން ބޭނުންވީ ކުރީގެ މަޖިލިސް ރައީސް މުޙައްމަދު އަސްލަމްގެ ނަން ކަމަށް އޭރު ވާހަކަ ދެކެވުނެވެ. ނަމަވެސް އެމްޑީޕީގެ ގާނޫނީ ޓީމުން ލަފާ ދިނީ ގައުމީ މަޖިލީހުގައި ނީންނަވާ, އަދި އިންތިޚާބީ މަގާމެއްގައި ނެތް ބޭފުޅަކަށް އެ މަގާމަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ. އެއާއެކު ވޯޓަށް ދިޔައީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ނަން، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމާ ގުޅޭ ގޮތުންނެވެ.

https://sun.mv/214656

އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު, އެ ރޭ ލިބުނީ 47 ވޯޓެވެ. އެ ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ބައްދަލުވުން ނިންމާލިއެވެ.

ފަހުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު, އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު (އިބުރޭ), އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދަށް ފޮނުވި ރިޕޯޓެއްގައި ވަނީ ވަހީދަށް 48 ވޯޓް ލިބި, އޭނާ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބު ވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ވަހީދު އެ މަގާމު ދޫކޮށްލެއްވީއެވެ.

އޭގެ ފަހުން، މިއަދު ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި، އިބުރޭ ޓެގް ކުރައްވައި ވަނީ، ވަގުތީ ޗެއާޕާސަން ހޮވަން ދެން ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވާނީ ކޮންއިރަކުތޯ ސުވާލު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ވީހާ ވެސް އަވަހަށް ބައްދަލުވުން ބާއްވައި، ވަގުތީ ޗެއާޕާސަން އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށާއި މިހާރު ހުށަހަޅައިފައި އޮތް ހަމައެކަނި ނަމަކީ ޣަފޫރުގެ ނަން ކަމަށެވެ.

"އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޕީ ޣަފޫރަށް،" ފައްޔާޒު ވިދާޅުވިއެވެ.

ވަގުތީ ޗެއާޕާސަން ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލު ކުރި ކަމަށާއި ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށްދިޔައީ އޭގެ ސަބަބުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ، އަލުން ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުމުގެ މަސައްކަތް ފަށަން ލަފާދެއްވައިފައެވެ.

https://sun.mv/214313

ފާހަގަކުރެވޭ ގޮތުގައި، ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އިސްތިއުފާ ދެއްވި އެއް ސަބަބަކީ ޕާޓީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދާ މަންޒަރު ފެނުން ކަމަށް ވިދާޅުވެފައެވެ. އަދި ޞާލިޙާއި ޝާހިދަށް އިޝާރާތް ކުރައްވައި އޭނާ ވަނީ، އެމްޑީޕީގެ އެޑްވައިޒަރާއި ޕާޓީގެ ރައީސަށް ޕާޓީގެ ކަންކަން ފުރިހަމައަށް ނިންމުމަށް އޭނާއަކީ "ހުރަހެއް ކަމަށް ދެކޭ ދެކުން" ނިމުމަކަށް ގެނައުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީ ތެރޭގައި އުފެދުނު ދެ ފެކްޝަން ގޮތަށް، އަނެއްކާ ވެސް އެ ޕާޓީގައި ވަނީ ޞާލިޙާއި ނަޝީދުގެ ފެކްޝަން އުފެދިފައެވެ.

comment ކޮމެންޓް