ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން އެ ޕާޓީއާ ގުޅިވަޑައިގެން، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އައްޔަންކުރައްވައިފިއެވެ.
ވަރަށް ފަހުން އެމްޑީޕީން ވަކިވެވަޑައިގެން މަހުލޫފް، ސަފީރުކަމަށް އައްޔަންކުރަން ނަން ފޮނުއްވި ހިސާބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެކަމަކު، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މަހުލޫފަށް ރުހުންދީފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރައްވާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް ސަފީރުކަމަށް އައްޔަންކުރީ މަޖިލީހުން ރުހުން ދިންތާ 24 ގަޑިއިރެއްހާ އިރުގެ ތެރޭގައެވެ.
ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހުލޫފް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ. އެ ދުވަހު މަހުލޫފްގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ. މަޚްލޫފާ އިންޓަވިއުކުރުމަށް ފަހު ކޮމިޓީން ނިންމީ މަހުލޫފް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށެވެ.
ޕާޓީ ބަދަލުކުރެއްވި މަހުލޫފަށް ސަފީރުކަން ދިނުމުން ސިޔާސީ ބޭފުޅުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.
ރާއްޖެއަށް ޕާޓީ ނިޒާމު ތައާރަފްވެގެން އައި ދުވަސްވަރު އުފެއްދި އަދި އޭރުގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރްޕީން ސިޔާސީ ހަޔާތް ފެއްޓެވި މަހްލޫފް ވަނީ އެ ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
އެކަމަކު، ޕީޕީއެމްގެ ވެރިކަމުގައި މަޚްލޫފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަވައިފައެވެ. އެގޮތުން، އޭރު އޮތް އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި، އެ ވެރިކަމުގައި މަޚްލޫފް ޖަލަށް ވެސް ލިއެވެ.
އެއަށް ފަހު، އޭނާ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. އަދި، ދެން އުފެދުނު އެމްޑީޕީގެ ވެރިިކަމުގައި މަހުލޫފަށް ވަނީ ޔޫތު މިނިސްޓަރުކަން ދީފައެވެ. އެކަމަކު، އެ ޕާޓީއަށް ވެރިކަން ގެއްލުނު ފަހުން ސިޔާސީ ހަރަކާތްތަކުން މަޚްލޫފް ގެއްލުނެވެ.