ދޮގު ހެދުން ހުއްދަވާ ހާލަތްތައް މިއޮތީ

ފޮޓޯ: ޑިޕޮސިޓްފޮޓޯސް.ކޮމް

ކީރިތި ޤުރުއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާ ގޮތުގައި ދޮގު ހެދުމަކީ ޙަރާމް ކަމެކެވެ. ނަޙުލު ސޫރަތުގެ 105 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. 'ދޮގު ހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ.' އަދި ބަޤަރާ ސޫރަތުގެ 10 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ."

މުނާފިގުންގެ ސިފަތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވާ ބަސްފުޅުގައި، މުނާފިންގެ ސިފައެއްކަމުގައި ދޮގު ހެދުން ގެންނަވާފައިވެއެވެ.(ބުޚާރީ: 1/33) އަދިވެސް އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. 'މުނާފިގުންގެ ކިބައިން ފެންނާނެ ތިން އަލާމާތެއްވެއެވެ. (އެ ތިން އަލާމާތަކީ) ވާހަކަ ދައްކާނަމަ ދޮގުހަދާނެއެވެ. ވައުދެއްކޮށްފިނަމަ އެވައުދަކާ ޚިލާފުވާނެއެވެ. އަދި އަމާނާތަކާ ހަވާލުވެއްޖެނަމަ އެ އަމާނާތަކަށް ޚިޔާނާތްތެރިވާނެއެވެ.'(ބުޚާރީ: 1/32)

ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން، ބައެއްމީހުން އެއީ ދޮގެއް ކަމުގައި ނުދެކޭ، އެހެންނަމަވެސް ހަގީގަތުގައި ދޮގު ކަމުގައި ހިމެނޭ ބުނުންތައް ބުނެ އުޅެއެވެ. އެގޮތުން، ދޭން ބުނާ އެތި އަތުގައި ނެތް ހާލު، އެއްޗެއް ދޭނަމޭ ބުނެ ކުޑަ ކުދިންނަށް ގޮވައެވެ. މިސާލަކަށް؛ 'ދަރިފުޅާއޭ މި އޮތީ މެޓައެކޭ އަވަހަށް އަންނާށޭ' ބުނެ ގޮވައިލައެވެ. ނަމަވެސް ހަގީގަތުގައި އެ ބުނާ މެޓައެއް ނުވެސް ނެތެވެ. ހަދީސުން އެނގޭ ގޮތުގައި މިފަދަ ބުނުންތައްވެސް ލިޔުއްވާނީ ދޮގުގެ ގޮތުގައެވެ.(އަބޫދާއޫދު: 13/4339)

މީހުން ހެއްވުމަށްޓަކައި ނުވަތަ ސަމާސާއަށް ދައްކާ ދޮގު ވާހަކަތައްވެސް ލިޔުއްވާނީ ދޮގުގެ ގޮތުގައި ކަމަށް ހަދީސްގައިވެއެވެ.(އަބޫދާއޫދު: 13/4338) މިބާވަތުގެ ދޮގު ވާހަކަތައް ދައްކާ މީހުން އެކަން ކުރަނީ ދޮގު ހަދައިގެން މީހުންނަށް އޮޅުވައިލައި ފަސާދަ ކުރުމުގެ ނިޔަތުގައެއްނޫނެވެ. ނަމަވެސް، މިފަދަ ބުނުންތައްވެސް އެއީ ދޮގު ހެދުންކަމަށް ހަދީސްގައި އަންގަވާފައިވާތީ، އެފަދަ ކަންކަންމުން ދުރުހެލިވާންޖެހޭނެއެވެ.

ދޮގު ހެދުމުގައި ފާހަގަކޮށްލެވޭ އަނެއް ބަޔަކީ، އެންމެންނަށްވެސް އެނގި ފާޅުވެގެންވާ ބޮޑެތި ކަންތައްތަކުގައި ކަނޑައެޅިގެން ދޮގުހަދައި އޮޅުވައިލާ މީހުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުން މިބާވަތުގެ މީހުން އެންމެ ގިނައިން ފެންނާނީ ސިޔާސީ މައިދާނުންނެވެ. އެފަދަ މީހުން ވަރަށް ސީރިޔަސް މައްސަލަތަކާ ބެހޭގޮތުންވެސް އެތައް ބައެއްގެ ކުރިމަތީގައި ބޮޑެތި ދޮގުތައް ހަދައި ފަސާދަ އުފައްދައެވެ. އަދި އެއިން ކަމަކާމެދު ތަހުގީގެއްގައި ސުވާލު ކުރެވިއްޖެނަމަ 'އެއީ ސިޔާސީ ގޮތުން ދެއްކި ވާހަކައެކޭ' ބުނުން ފަދަ ގޮތަކަށް ވާހަކަ ދައްކައި އެކަމަކުން ރެކި ގަންނަން މަސައްކަތް ކުރެއެވެ. ނަމަވެސް ދެނެގަންނަންޖެހޭ ހަގީގަތަކީ، އެގޮތަށް ފަސާދަ އުފެއްދުމަށްޓަކައި 'ސިޔާސީ ގޮތުން' ދައްކާ ދޮގު ވާހަކަތައް އެއީ، ދޮގެއް ހެދުމަށް އިސްލާމްދީނުގައި ދޫ ދެއްވާފައިވާ ހާލަތްތަކުގެ ތެރެއަށް ފެތޭ ކަމެއްނޫނެވެ.

ހަމަ މިއާއެކު، އެންމެ މަތީ ބާރާއި އިމްތިޔާޒުތައް ލިބިގެންވާ މަޖިލިސްތަކުގައި ކަމަށްވިޔަސް، މި ބުނި ރުޚުޞާ (ލުއިކަން) ދެއްވާފައިވާ ހާލަތްތަކަށް ނުފެތޭގޮތަށް ދޮގު ވާހަކަ ދައްކާނަމަ އެ ހިމެނޭނީ ﷲ ޙަރާމް ކުރައްވާފައިވާ ދޮގުގެ ތެރެއިންނެވެ.

ޞަޙީޙު މުސްލިމުގައި، އިބުނު ޝިހާބުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 'ދޮގެއްކަމުގައި ހިމެނޭގޮތުން މީސްތަކުން ދައްކާ ވާހަކަތަކުގެ ތެރެއިން، ތިންކަމެއްގައި ފިޔަވައި، (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދޫދެއްވާފައި ވާތީ ތިމަން އަޑެއްނާހަމެވެ. އެއީ ހަނގުރާމައިގައި ދޮގު ހެދުމާއި، މީސްތަކުންގެ ދެމެދު ސުލުހަ ކުރުމަށްޓަކައި ދޮގު ހެދުމާއި އަދި ދެމަފިރީން އެކަކު އަނެކަކާ ދައްކާ ވާހަކައިގައި ދޮގުހެދުމާއި މި ތިންކަމެވެ.'(މުސްލިމް: 13/4717)

އަލްއިމާމުއްޠަބަރީ އާއި އެހެން ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ. 'އޭގެ އަސްލު ގޮތުގައި ދޮގުހެދުން އެއީ ހުއްދަކަމެއްނޫނެވެ. އިސްވެދިޔަ ހަދީސްގައި ހުއްދަކުރައްވާފައި އެވާ ދޮގުގެ މުރާދަކީ التَّوْرِيَة (އެބަހީ: ދައްކާ ވާހަކަޔާ ޚިލާފު އެހެން އެއްޗެއް ހިތުތެރޭގައި ބާއްވައިގެން ދައްކާ ވާހަކަ) އެވެ. އެއީ ހަގީގީ ދޮގެއްނޫނެވެ. މީގެތެރޭގައި ދެމަފިރީން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރުމުގެ ގޮތުން ދައްކާ ތަފާތު ވާހަކަތައް ހިމެނެއެވެ. [މިސާލަކަށް ފިރިމީހާ ބުނެފާނެއެވެ. ތިބާއަށްވުރެ ރީތި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. ނުވަތަ އަހަންނަށް ހަމަ އެންމެ މީރީ ތިބާ ކައްކާ އެއްޗެއްސެވެ. މިހެން ބުނާއިރު ކަން އޮތީ އެހެންނޫންކަމަށްވެދާނެއެވެ. ނަމަވެސް އެއީ ދެމީހުންގެ ދެމެދުގައި ލޯތްބާއި ކުލުނު އުފެދި ޒަވާޖީ ގުޅުން ދުޅަހެޔޮވެގެންދާނެ ކަމެކެވެ. ވުމާއެކު އެފަދައިން ވާހަކަ ދެއްކުމުގައި ދޫ ދެއްވާފައިވަނީކަމަށް އިލްމުވެރިން ވިދާޅުވެއެވެ.] އެހެންނަމަވެސް ދެމަފިރީން އެކަކު އަނެކަކަށް މަކަރު ހަދައި އޮޅުވައިލުމަކީ ހަރާމް ކަމެކެވެ.

ހަދީސްގައި އެވާ، ދެމެދުތައް އިސްލާހު ކުރުމަށްޓަކައި ދޮގު ހެދުމަށް ދެވޭ ލުއިގެ ބޭނުންކުރަންވާނީ، އެއްބަޔެއްގެ ފަރާތުން އަނެއް ބަޔެއްގެ ގާތަށް ހަމައެކަނި ރަނގަޅު ވާހަކަތައް ނަގުލު ކުރުމަށެވެ. ހަނގުރާމައިގައިނަމަ، މިސާލަކަށް މާދަމާ އަހަރެމެންނަށް މަދަދެއް އަންނާނެކަމަށް ބުނުމެވެ. މިހެން ބުނާއިރު އެމީހުންގެ ނިޔަތަކަށް ވާނީ، ކާނާ ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އަންނާނެ ވާހަކައެވެ. މިފަދަ ހާލަތްތަކުގައި، ދޮގަކަށްވާފަދަ ބަސްތައް ބުނުން ހުއްދަވާނެއެވެ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވެއެވެ. (ހަނގުރާމައިގައި) ތެދު ހެދުމުގެ ނިޔަތުގައި، ގައުމު ނުވަތަ ލަޝްކަރުގެ ސިއްރުތައް އަދުއްވުންނަށް ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެހާލަތުގައި ވާޖިބުވެގެންވަނީ (ދޮގު ހަދައިގެންވިޔަސް) އެކަންކަން ސިއްރު ކުރުމެވެ. ހަނގުރާމައަކީ އޭގެ ޒާތުގައިވެސް މަކަރު އެކުލެވިގެންވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް