ރައީސްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ފުލުހުންނަށް ހުށަހަޅަން ޕީޖީން ލަފާދީފި

ގާނޫނީ ވަކީލު އަހްމަދު ޠާލިބު --- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.

ޕީޖީ އޮފީހުން މިފަދައިން ލަފާދިނީ ރައީސްގެ އިސްތަށިފުޅުގައި ނަޝީދު ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް ގާނޫނީ ވަކީލް އަހްމަދު ޠާލިބު ޕީޖީ އޮފީހުގައި މިދިޔަ މަހުގެ 17ވަނަ ދުވަހު އެދުމާ ގުޅިގެންނެވެ.

ޠާލިބަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގެ ޖަވާބުގައި ވަނީ ކަމާބެހޭ ތަހުގީގީ އިދާރާއަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު ޠާލިބަށް އޮންނާނެ ކަމަށެވެ.

"އަދި އެ އިދާރާއިން މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައި ނުވާނަމަ އެކަން ބަޔާންކޮށް މި އޮފީހަށް ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ވެސް ދެންނެވީމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވައްޓަސްއެޕް ގުރޫޕަށް ޖުލައި މަހުގެ 29ވަނަ ދުވަހު ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ރައީސް ޞާލިޙް، އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް އެމަނިކުފާނުގެ އަތުގައި އެބަހުރި ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނަށް ފޮނުވަންވީތޯ، ނަޝީދު ސުވާލު ކުރައްވާފައިވެއެވެ.

ޠާލިބު ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި ވަނީ ދައުލަތުގެ އެންމެ އިސްވެރިޔާއާ ދެކޮޅަށް މިފަދަ ދޮގު ތުހުމަތުތަކެއް ކުރުމަކީ ސީދާ މުޅި ދައުލަތާއި ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައިވާތީ އާއި ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ދިވެހި ދައުލަތާއި އަދި ރައްޔިތުންގެ ސަލާމަތާއި، މަސްލަހަތު ރައްކާތެރިކުރުމަށް ޓަކައި، ނަޝީދު ކުރަމުންދާ ގާނޫނާ ޚިލާފު މިފަދަ އަމަލުތައް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ޕީޖީން އަންގައި އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީގައި ވަނީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ)ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ، ނޫނީ އެފަދަ މައުލޫމާތެއް އެހެން ގޮތަކުން ޕީޖީއަށް ލިބިއްޖެ ހިނދެއްގައި އެކަމެއް ތަހުގީގު ކުރުމުގެ އަމުރެއް ނެރުމުގެ އެންމެހައި ބާރު ގާނޫނު އަސާސީން ޕްރޮސިކުއުޓާ ޖެނެރަލަށް ލިބިދީފައިވާ ކަމަށެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ރައީސް ޞާލިޙުގެ އިސްތަށިފުޅުގައި ނަޝީދު ޒިނޭގެ ތުހުމަތު އެޅުވީ އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެންނެވެ.

ރައީސްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލައާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ނަޝީދު އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވިއެވެ. އަދި އެއީ އެމަނިކުފާނު ވިދާޅުނުވާ ވާހަކައެއް ކަމަށް ހެދުމަށް ތަފާތު އެކި ވާހަކަތައް ނަޝީދު ވަނީ ދައްކަވާފައެވެ.

comment ކޮމެންޓް