ރަށްރަށުން މީހުން މާލެ ހިޖުރަ ކުރަނީ ކުރާނެ ކަމެއް ނެތީމަ މުނިފޫހިފިވުމަށް: ނަޝީދު

މުހައްމަދު ނަޝީދު (އަންނި) -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރަށްރަށުގައި ދިރިއުޅޭ މީހުން މާލެ ހިޖުރަ ކުރަނީ ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއެކު މުނިފޫހިފިލުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވަނީ ރަށްރަށާއި މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ކަރަންޓް ބިލް ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.

އެ ގަރާރުގައި ބުނީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާ އަދި ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓްތައް ބޮޑު ކަމަށެވެ. އަދި މާލެއާ ރަށްރަށުގެ ވިޔަފާރިތަކަށް ބިލް ކުރުމުގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ކުދި ވިޔަފާރި ވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ރަށްރަށުގަ ކުދި ވިޔަފާރިތައް އާލާކޮށް އަދި ރަށްރަށުގައި މީހުން ވަޒަންވެރިވެ، ކުދި ވިޔަފާރިތަކުގެ ތެރޭގައި ނަމަވެސް މީހުން ރަށްތަކުގައި ހަރުލައިގެން ތިބޭނެ ގޮތެއް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ.

ހަމައެކަނި މި އަހަރު އެކަނިވެސް ހުޅުމާލެއަށް 1500 އެއްހާ ކުދިން ރަށްރަށުން ހިޖުރަކޮށްފައި ވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އެ ރަށްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ދަށްވުމުން ތޯ، ސިއްހީ ޚިދުމަތް ދަށްވެގެންތޯ ނުވަތަ ކިޔަވާ ނިމިގެން އެ މީހުންނަށް ވަޒީފާގެ ފުރުސަތެއް އެމީހުންނަށް އޮންނާނެ ކަމަށް ނުބެލެވެނީތޯ ސުވާލު އުފެދޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ވަކިން ޚާއްސަކޮށް ދައުލަތުގެ އިދާރާތަކުން ޚިދުމަތް ފޯރުކޮށްދޭއިރުގައި ކުދި ވިޔަފާރިތަކަށް ނުވަތަ ރަށްރަށުގައި މީހުން ވަޒީފާ އުފެދިގެން ވަޒީފާތަކުގައި ތިބޭނެ ގޮތަކަށް ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެކަމަށް ރައްދުދެއްވާ ރިޔާސަތުގައި އިންނެވި، ރައީސް ނަޝީދު ވިދާޅުވީ މީހުން މާލެ ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި މުނިފޫހިފިލުވުމާ ރަށްރަށުގައި ކުރާނެ ކަމެއް ނެތުން ފާހަގަ ވެފައިވާ ކަމަށެވެ.

"މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާބޮޑަށް ޝައުގުވެރިވޭ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލް ނޭންބުރޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ގަރާރުގައި ބުނީ މާލެއާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް ކުރުމުގައި ތަފާތު ކުރާތީ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކާއި، ހޮޓާ، ރެސްޓޯރެންޓް އަދި ލޯކަލް ފިހާރަތައް ހިންގާ ކުދި ވިޔަފާރިވެރިން އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނީ އެ ތަފާތު ކުރުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ފައިދާވާ މިންވަރު ކުޑަ ކަމަށެވެ. އަދި ވިޔަފާރިތައް ހިންގަމުން ދަނީ ގެއްލުމުގައި ކަން ފާހަގަކޮށް އެ ތަފާތު ކުރުން ނައްތާލާ ހަމަހަމަ ކުރުމަށް އެކި ފޯރަމްތަކުގައި ކަންބޮޑުވުން ފާޅު ކުރަމުން ދާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

comment ކޮމެންޓް