އެއް ޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ހުށަހަޅައިފި

ރައްޔިތުން މަޖިލިސް: އެއް ޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ވަނީ އިސްލާހު ހުށަހަޅާފައި -- ސަން ފޮޓޯ

ލިވާތު ކުރުމާއި ސިހާގު ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އެ އިސްލާހު ހުށަހަޅުއްވާފައިވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި, އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައްކަމުގައިވާ ލިވާތު އަދި ސިހާގުގެ ކުށް ހިމަނަން ޖެހޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލު ކުރާ ފަރާތްތައް ތަހުގީގީ މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް އެ ނުރައްކާތެރި ވަހުޝީ އަމަލު އެހެން ބަޔަކާއެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށުގެ ގޮތުގައި ހިމަނާފައިވަނީ 12 ކުށެކެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމުގެ ކުށް ހިމެނެ އެވެ. އެކުށްތަކުގެ ތެރެއަށް ދާދި ފަހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް އިތުރުކޮށްފައެވެ.

ގާސިމް އެ އިސްލާހު ހުށަހެޅުއްވީ، ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވި ފަހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އޭނާ ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

އޭގެ ތެރެއިން އަލަމްގީރު އަދިވެސް ހައްޔަރުކޮށްފައި ހުރި އިރު އެ މައްސަލައިގައި ދެން ދައުވާ ކުރި ތިން މީހުން ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާތީ ފުލުހުން ދަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް