ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރަންޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް މިއަދު ތޫނު އެއްޗެއް ބޭނުން ކޮށްގެން ދިން ހަމަލާ ކުށްވެރި ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓްގައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންތިޒާމް ވެގެން ހިނގާ ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް މާ ބޮޑަށް ހަރުދަނާވެ، އިތުބާރު ހިފެންޖެހޭ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު، އަލީ ޞާލިޙަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރި ކުރަން. ރާއްޖޭގައި އިންތިޒާމު ވެގެން ހިނގާ ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްޓުވުމަށް ކުރާ މާ ބޮޑަށް ހަރުދަނާވެ، އިތުބާރު ހިފެންޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަންކަން ވެސް ކުރައްވާ އަލީ ޞާލިހަށް ހަމަލާ ދިނީ މިއަދު މެންދުރު ހުޅުމާލޭ މަގުމަތިންނެވެ. އެ ހަމަލާގައި އޭނާ ވަނީ ޒަޚަމް ވެފައެވެ.

އަލީ ޞާލިޙަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަލީ ޞާލިޙް ސައިކަލް މަތީގައި އިންދާ ކަޓަރެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ކަރަށް ހަމަލާ ދޭން މަސައްކަތް ކުރެއެވެ. އަދި އެ ހަމަލާއިން ސަލާމަތްވުމަށް ސައިކަލް ކުރިއަށް ދުއްވާލުމުން ކަޓަރު އެޅުނީ އޭނާގެ އަތުގައެވެ. އެއަށްފަހު ދެވަނަ ހަމަލާއެއް ދިނުމުގެ ކުރިން އަލީ ޞާލިޙް ވަނީ އެ ސަރަހައްދު ދޫކޮށް ފިލައިގެން ގޮސްފައެވެ.

ފުލުހުން ބުނީ އަލީ ޞާލިޙަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް