އަލްގާއިދާގެ ލީޑަރު މަރާލައިފިން، އެއީ އެމެރިކާއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް : ބައިޑެން

ވޮޝިންޓަން (2 އޮގަސްޓް 2022) : އަލްގާއިދާ ޖަމާއަތުގެ ލީޑަރުގެ ގޮތުގައި މިހާރު ހުރި ޑރ. އައިމަން އައްޒަވާހިރީ މަރާލިކަމާއި އެއީ ވަރަށް ބޮޑު ކާމިޔާބެއްކަން އެމެރިކާ ގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވައިފިއެވެ.

ބައިޑެން ވިދާޅުވީ ޒަވާހިރީއަކީ ނުރައްކާތެރި ޓެރަރިސްޓް ލީޑަރެއްކަމަށާ އޭނާ މަރާލުމުގައި އެމެރިކާ ކާމިޔާބު ހޯދައިފިކަމުގައެވެ. އަދި ޒަވާހިރީ މަރާލެވުމުން އިންސާފު ގާއިމް ކުރެވިއްޖެކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި އެމެރިކާގެ 3 ހާހަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވާއިރު އެހަމަލާތައް ރޭވުމާ އަދި އެހަމަލާތައް ތަންފީޒު ކުރުމުގެ ފަހަތުގައިވާ އަލްގާއިދާގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ޒަވާހިރީ ހިމެނޭކަމަށް ބުނެ އެމެރިކާވަނީ އޭނާ ހައްޔަރު ކުރެވޭފަދަ އަދި މަރާލެވޭފަދަ މައުލޫމާތެއް ދޭ ފަރާތަކަށް 25 މިލިޔަން ޑޮލަރުވެސް ހުށަހަޅާފައެވެ.

ބައިޑެން ވިދާޅުވިގޮތުގައި ޒަވާހިރީ މަރާލީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިމާރާތެއްގައި އޭނާ ދިރިއުޅެމުން ދަނިކޮށް އޭނާ މަރާލުމަށް އަމާޒުކޮށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ "ސީއައިއޭ" އިން ދިން ޑްރޯން ހަމަލާތަކެއްގައެވެ.

ޒަވާހިރީއަށް ހަމަލާ ދިނީ އޭނާ ދިރިއުޅޭ ގޭގެ ބެލްކަނީގައި ހުއްޓައިކަމަށާ އޭނާ މަރާލުމަށް ހަމަލާދިން ޑްރޯނުން ދެ މިސައިލް ފޮނުވާލިކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ. ޒަވާހިރީ މަރާލަން ހަމަލާދިން ވަގުތު އެގޭގައި އޭނާގެ އާއިލާގެ މީހުން ތިބިކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ޑްރޯނުން ހަމަލާދިނީ ސީދާ ޒަވާހިރީއަށް ކަމަށާ އެހަމަލާގައި ޒަވާހިރީ ފިޔަވައި އެހެން މީހަކު މަރުވެފައި ނުވާކަމަށްވެސް އެމެރިކާ ބުނެފައިވެއެވެ.

އަލްގާއިދާގެ ލީޑަރު އައިމަން އައްޒަވާހިރީ

ނަމަވެސް އެމެރިކާގެ މިވާހަކަތައް އެހެން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެމެރިކާގެ ހަމަލާގައި ޒަވާހިރީ މަރުވިކަން އަފްޣާން ސަރުކާރުންވެސް އަދި އެހެން ފަރާތަކުންވެސް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ ކާބުލްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވައިގެ ހަމަލާތަކެއް އެރިކަން ކަށަވަރުކޮށްދީފައެވެ. އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުން ވަނީ އެމެރިކާގެ މިހަމަލާވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވިގޮތުގައި އެމެރިކާގެ މިހަމަލާއަކީ އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމެވެ. މިނިވަން މުސްތަގިއްލު ގައުމެއްގެ އިސްތިގުލާލާއި ސިޔާދަތަށް އެމެރިކާ އިހުތިރާމް ނުކުރުމެވެ. އަދި ތާލިބާނުންނާއެކު އެމެރިކާ އެއްބަސްވެފައިވާ ދައުހާ އެއްބަސްވުމާ ޚިލާފުވުމެވެ. އދ. ގެ ޗާޓަރާ އަދި ބައިނަލްއަގުވާމީ އުސޫލުތަކާވެސް މުޅިން ޚިލާފަށް އެމެރިކާ ހިންގި އުދުވާނެކެވެ.

އަފްޣާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އެމެރިކާއިން މިބާވަތުގެ ހަރުކަށި އެތައް އަމަލުތަކެއް ހިންގައި ކުށެއްނެތް އެތައް ބަޔަކު އަފްޣާނިސްތާނާއި އެ ނޫން އެތައް ގައުމުތަކުން މަރާފައިވާ ކަމަށެވެ.

އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަފްޣާނިސްތާނާއި އެނޫންވެސް އެތައް ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ އަރައިގަނެ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އެތައް އަމަލުތަކެއް އެމެރިކާ ހިންގާފައިވާ ކަމަށް ބުންޏެވެ.

އެމެރިކާގެ މިފަދަ އަމަލުތަކަކީ ނާތަހުޒީބު އަދި ނާކާމިޔާބު އަމަލުތަކެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެމެރިކާއިން އަފްޣާނިސްތާނާ ދެކޮޅަށް މިފަދަ އުދުވާނީ އަމަލުތައް ހިންގާނަމަ އެއީ އެމެރިކާއާއި، އަފްޣާނިސްތާނާ ދެމެދުގައިވާ ގުޅުންތަކަށާއި މުޅި ސަރަހައްދުގެ މަސްލަހަތުތަކަށް ގެއްލުން ލިބޭނެކަމެއްކަމަށް ވެސް ތާލިބާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާއިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަސްކަރީ ގޮތުން އަރައިގަނެ ތާލިބާން ސަރުކާރު ވައްޓާލީ އަލްގާއިދާގެ އޭރުގެ ލީޑަރު އުސާމާ ބިން ލާދިން ހައްޔަރުކުރުން ނޫނީ އޭނާ މަރާލުމުގެ ނަމުގައެވެ. ތާލިބާނުން އަލްގާއިދާއަށް އެހީތެރިވާތީ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ބާރުގަދަ ލަޝްކަރުތަކަށް އުސާމާ މަރާލެވުނީ އޭގެ 10 އަހަރުފަހުން 2011 ވަނަ އަހަރުއެވެ.

އެމެރިކާގެ ޚާއްސަ ބާރަކުން އުސާމާބިން ލާދިން މަރާލީ އޭނާ ޕާކިސްތާނުގެ އަބޫތު އާދާބުގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އެއަށްފަހު އަލްގާއިދާގެ ލީޑަރަކަށް ވެފައިވަނީ ޑރ. އައިމަން އައްޒަވާހިރީއެވެ. ޒަވާހިރީއަކީ މިސްރުގެ މެޑިކަލް ޑޮކްޓަރެކެވެ. އޭނާއަކީ ސާޖަން އެކެވެ.

ޒަވާހިރީއަކީ ވެސް އުސާމާ ބިން ލާދިންއެކޭ އެއްގޮތަށް އަލްގާއިދާގެ ޓެރަރިސްޓް ހަރަކާތްތައް ކުރިޔަށް ގެންދިޔަ ލީޑަރެކެވެ. އަލްގާއިދާގެ ޓެރަރިސްޓް ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އިރާގާއި ސޫރިޔާފަދަ އިސްލާމީ ގައުމުތަކަށެވެ. އަލްގާއިދާގެ އެންމެ ހަމަލާއެއްވެސް އިސްރާއީލަށް އަމާޒުކޮށްފައެއް ނުވެއެވެ.

އެމެރިކާއަށް ޒަވާހިރީ މަރާލެވިފައިމިވަނީ އުސާމާ ބިން ލާދިން މަރާލިތާ 11 އަހަރު ފަހުންނެވެ. އަދި 20 އަހަރު ހަނގުރާމަކޮށްގެންވެސް ތާލިބާނުން އަސްކަރީ ގޮތުން ބަލި ކުރުމުގައި މުޅިން ނާކާމިޔާބުވެގެން އެންމެފަހުން މިދިޔަ އަހަރު އެމެރިކާ ވަނީ ތާލިބާނުންނާ ސުލްހަވެ އެމެރިކާގެ ލަޝްކަރުތައް ވަރަށް ހިތްދަތި ގޮތަކަށް އަފްޣާނިސްތާނުން ބާލާފައެވެ.

އެމެރިިކާ އަފްޣާން ވެރިކަމަށް އިސްކޮށްފައިހުރި ގޮނޑިކޮއްކޮ ވެރިޔާ އަޝްރަފްޣަނީގެ ސަރުކާރު ވެއްޓި އޭނާ ވަނީ ގައުމުން ފިއްލަވާފައެވެ. މިއާއެކު އެެމެރިކާ އަފްޣާނިސްތާނުގައި ގާއިމްކުރި ނިޒާމު ވަނީ ރޫޅިގެން ގޮސްފައެވެ. ތާލިބާނުން ވަނީ ކުރިއެކޭވެސް އެއްގޮތަށް އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން ވެރިވެގެންފައެވެ. މިހުރިހާ ކަމެއް ވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ތިއްބައެވެ.

comment ކޮމެންޓް