މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅަން އެމްޑީޕީން އެހީ ވަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ރައްޔިތުންނަށް ޚާއްސަ ގޯތި އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްސަ ފްލެޓަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެމްޑީޕީން މިއަދު ހަރަކާތެއް ފަށައިފިއެވެ.

އެމްޑީޕީން ބުނީ "ހިންގާލާ"ގެ ނަމުގައި ފެށި އެ ހަރަކާތަކީ އެމްޑީޕީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ، ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް ރައްޔިތުންނަށް އެހީތެރިވެދިނުމަށް ކުރިއަށްގެންދާ ޚާއްސަ ސެޝަންތަކެއް ކަމަށެވެ.

އެގޮތުން މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، އެކަމަށް ޚާއްސަ ކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"އަށް މިހާރު ވެސް 3،000 އަށް ވުރެން ގިނަ ފޯމް ވަނީ ހުށަހަޅާފައެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާތަނަށް 3،219 ފޯމް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބިމަށް އެދުނު މީހުންގެ އަދަދާއި ފްލެޓަށް އެދުނު މީހުންގެ އަދަދު ވަކިން އަދި ހާމައެއް ނުކުރެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެހެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން
    އުމުރުން 18 އަހަރު ފުރިފައިވުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލެ ސަރަހައްދުގައި ނެތުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ކުޑަ ގޯއްޗެއް މާލެ ސަރަހައްދުގައި އޮތް ނަމަ، އުސޫލުގެ ދަށުން ދޫކޮށްލުން
    ސަރުކާރުގެ ސޯޝަލް ހައުސިން ލިބިފައި ނެތުން
  • މާލެ ސަރަހައްދުގައި ވާރުތައިން ލިބެން އޮތް ބަންޑާރަ ބިން ދޫކޮށްލުން
  • މާލެ ސަރަހައްދުގައި އަމިއްލަ ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން

އެ ޕޯޓަލް މެދުވެރިކޮށް ދެން ފުރުސަތު ހުޅުވާލީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ 4،000 ފްލެޓަށް ކުރިމަތި ލުމަށެވެ.

ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުން
  • ކުރިމަތިލާ ފަރާތްތަކަކީ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގަނެފައިވާ، ނުވަތަ ގަންނަން އެއްބަސްވެ، ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ނުވުން
  • މާލޭގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީ، ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން
  • ސަރުކާރުގެ ސޯޝަލް ހައުސިން މީގެ ކުރިން ލިބިފައި ނުވުން
  • ކުރިމަތިލާ ފަރާތްތައް ވަކިން، ޖުމްލަ އާމްދަނީ 60،000އަށްވުރެ އިތުރު ނުވުން
comment ކޮމެންޓް