މުހައްމަދު އިސްމާއީލްގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު 30 ދުވަހަށް

މީގެ ކުރިން މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ: އޭނާގެ ބަންދަށް މިއަދު ވަނީ 30 ދުވަސް އިތުރުކޮށްދީފަ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއީލްގެ އިތުރުން ދެ ޝެއިހުންނާއެކު އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައެއް މީހުންގެ ބަންދަށް ވަނީ ދެ މަސް ދުވަސް ވެސް އިތުރުކޮށްދީފައެވެ.

މުހައްމަދު އިސްމާއީލް ބަންދުކޮށް އޭނާގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އޭގެ ފަހުން ދެ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މިއަދު ވަނީ 30 ދުވަހު ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.

މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

comment ކޮމެންޓް