އުނދުނެއް ތެރޭ މަސްތުވާތަކެތި ފޮރުވި މީހަކަށް ބޮޑު ޖަލު ހުކުމަކާއެކު 50،000ގެ ޖޫރިމަނާއެއް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރިއުޅުނު އެޕާޓްމަންޓުގެ ތެރޭގައި ހުރި އުނދުނެއްގެ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ އެ ވިޔަފާރިކުރަމުން އައި މީހެއްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ ހ. ހުދުހުދާމަންޒިލް މުޙައްމަދު ފައިސަލް ކިޔާ މީހެއްގެ މައްޗަށެވެ.

އެގޮތުން 2017ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާއަށް ދައުވާ އުފުލީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އާއި އާއި ބަންގްލަދޭޝް ރައްޔިތަކު ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ފާސްކުރުމުގެ ތެރެއިން ސިލިކޯން ފުޅިއެއްގެ ފޫ ނައްޓައި ބެލިއިރު އެއިން ފެނުނު 100 ރަބަރު ޕެކެޓުގައި 49.16 ގްރާމްގެ ޑައިމޯފިން ހުރުމާއެކުގައެވެ.

އަދި ފައިިސަލް ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ބަދިގޭގައި ހުރި އުނދުނުގެ، ކެއްކުމަށް ބޭނުންކުރާ ބައިގެ ވާތް ފަރާތުގެ ތެރެއިން ފެނުނު 19 ޖޫސްޕެޓީ ކޮތަޅުގައި 955.02 ގްރާމުގެ މޯފިން ފެނުމާއި ކަނާތް ފަރާތުން ފަސް ޖޫސްޕެޓީ ކޮތަޅު ފެނި އޭގައި 247.85 ގްރާމްގެ މޯފިން ހުރުމުންނެވެ.

އަދި ހަމަ އެ ތަނުން ފެނުނު ރަބަރު ކޮތަޅެއްގެ ތެރެއިން އިތުރު ދެ ޖޫސްޕެޓީ ކޮތަޅުގައޮ 35.43 ގްރާމްގެ މޯފިން ހުރުމުންނެވެ.

ކޯޓުންވަނީ މުޅި މައްސަލައަށް ބެލުމުން ފައިސަލަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ބެލެވޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި އޭގެ ވިޔަފާރިކުރުމަށް ބޭނުންވާ އާލަތްތައް ބަހައްޓައިގެން އެ ވިޔަފާރިކުރާ މީހެއްކަން އެނގޭކަމަށް ވެސް އެ ހުކުމުގައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ވިއްކަން ތައްޔާރުކޮށް އެ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބަންގްލަދޭޝަށް ނިސްބަތްވާ ކިއަމް އުއްދީން ބޭނުންކުރާކަމަށް ފެންނަ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެހެންވެ އެ ކުށް ސާބިތުވެފައިވާތީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ 11 އަހަރާއި ހަ މަހާއި އެއް ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންވާނެ ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.

އެގާރަ އަހަރާއި ހަ މަހާއި އެއް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ހުކުމް ކުރުމުގެ ކުރިން އޭނާ ފަސް އަހަރާއި ހަ މަހާއި އެއް ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ވަނީ ޖަލު ހުކުމުން އުނިކޮށްފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތައް އަބަދުވެސް އަންނަނީ ހިނގަމުންނެވެ. އެ ކަންކަން ހުއްޓުވުމަށް ޓަކައި އިދާރާތަކުން ޚާއްސަ އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް