ސަރުކާރުން ޔޯގާ އިވެންޓު ބޭއްވީ އާއްމުންގެ ސަލާމަތަށް ވިސްނާލުމެއްނެތި: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ސަރުކާރުން އިއްޔެ ޔޯގާ އިވެންޓު ކުރިއަށްގެންދަން ނިންމީ އެ ހަރަކާތުގައި ބައިވެރިވި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އިއްޔެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އާންމުގެ ބަޔަކު ހިންގި ހަމަނުޖެހުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ވަނީ ކުށްވެރިކޮށްފައެވެ.

އެ ބަޔާނުގައި ވަނީ އާއްމުންގެ ނުރުހުމާއެކު އެފަދަ ހަރަކާތެއް ބާއްވަން ނިންމާއިރު ވީހާވެސް ޒިންމާދާރުކަމާއެކު އެކަން ނިންމުމަކީ މުހިންމު ކަމެއް ކަމަށް އެ ޕާޓިން ދެކޭ ކަމަށެވެ. އަދި އެ ހަރަކާތުގައި ހަމަނުޖެހުން ހިނގާފާނެ ފަދަ ގޮތަކަށް ފާއިތުވެދިޔަ ދެތިން ދުވަހު ސިގްނަލްތަކެއް ލިބުނު ނަމަވެސް އެ ހަރަކާތަށް އެކަށީގެންވާ ގޮތަށް ފުލުހުން ތައްޔާރުވެފައިނުވާކަމަށް އެމްއެންޕީން ބުންޏެވެ.

''މި އިވެންޓުގައި ހަމަނުޖެހުން ހިނގާފާނެފަދަ ގޮތަކަށް އާއްމުންގެ ތެރޭގައި އަދި ސޯޝަލްމީޑިއާގައިވެސް ވާހަކަތައް ދެކެވިފައިވުމާއި މި އިވެންޓު ކުރިއަށް ގެންދިޔުމަށް އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަަށް ތައްޔާރުވެފައިނުވާކަން ފާހަގަކުރަން،'' އެމްއެންޕީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ބަޔަކު ދީން ހަތިޔާރެއްގެ ގޮތުގައި ނެގުން ބަލައިނުގަނެވޭ ކަމަށާއި، ސިޔާސީ މަންފާ ހޯދުމަށް ދީން އައްޑަނައަކަަށް ނެގުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ޔޯގާ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެގަތް މީހުން ވަނީ ޔޯގާ ހަދަން ތިބި މީހުން އެތައް ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. އެ މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ.

އެންމެ ފުރަތަމަ އެ މީހުން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިއިރު އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. އެ ފުލުހުން އެކަން ހުއްޓުވާފައި ވަނީ ޕެޕާސްޕްރޭ ބޭނުން ކޮށްގެންނެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ދެ މަހަށް ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައިވާ އިރު ބާކީ ދެ މީހުންނަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތު ޖަހާފައެވެ.

comment ކޮމެންޓް