ލާމުން ދިނީ ލޯބި، ލާމަށް ދިނީ އެންމެ ތަރައްގީ ސިޓީގެ ޔަގީންކަން

އަބްދުއްރަހީމަށް މަރުހަބާ ކިޔުމަށް ފޮނަދޫގައި ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ

"ތި ބޭފުޅުން ތިގޮތަށް ތިއްބަވައިފި ނަމަ، މި ސަރުކާރުގައި ލާމު އަތޮޅަށް ނުގެނެވުނު ތަރައްގީއެއް ރާއްޖޭގެ އެހެން އެއްވެސް ތާކަށް ނުގެނެވޭނެ،"

މިއީ ލ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ދިން ތާއީދާ ގުޅިގެން އުފާފާޅުކުރަން މިއަދު ހަވީރު ބޭއްވި ބޮޑު ސައިކަލު ބުރަށް ފަހު މި އަތޮޅު ފޮނަދޫއަށް އުފަން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވި ބަސްފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙާއްސަ އެޑްވައިޒަރު އަދި، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ބައިވެރިވެވަޑައިގެން ސައިކަލު ބުރު ފެށީ، އޭނާގެ އުފަން ރަށް ފޮނަދުއިންނެވެ.

އެތައް ސަތޭކަ މީހުންނަކާ އެކު އެ ސައިކަލު ބުރު ނިންމައިލުމަށް ފަހު، އަބްދުއްރަޙީމްގެ ދަރިކަލުން ފައިސަލް ދެއްވީ ތަރައްގީގެ ޔަގީންކަމެވެ. އެ ސަރަހައްދަށް އެއްވެ ތިބި މީހުންނަށް ސަރުކާރުގެ ފަރާތުން ފައިސަލް ދެއްވީ ލ. އަތޮޅަށް އެދޭ ތަރައްގީ ޔަގީންވާނެކަމުގެ ފޮނި އުންމީދެވެ.

ކާމިޔާބީ ފާހަގަކުރަން ބޭއްވި ސައިކަލު ބުރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ޕީޕީއެމް/ޕީއެންސީއަށް މި އަތޮޅުގެ މެޖޯރިޓީ މި ލިބުނީ 15 އަހަރު ފަހުންނެވެ. އެންމެން އެއްވެ ފާޅުކުރީ އެ އުފަލެވެ. އުފަލުން ތިބެ، ހަވާ އެރުވީ އެ އުފަލާ އެކު ސަރުކާރުން ދިން ތަރައްގީގެ ޔަގީންކަމުގެ މާ ފޮނި ހުވަފެން ބަލަމުންނެވެ.

މި ފޮނަދުއަށް އުފަން އަބްދުއްރަޙީމަށް މި ރަށުން ކިޔީ ރަތް ދޫލައިގެ މަރުހަބާއެކެވެ. އެއީ، އެ މީހުންގެ ފަޚުރުވެރި 'ސީނިއާ މިނިސްޓަރެ'ވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ގެއްލުނީ މި އަތޮޅުގެ އެންމެ ގޮނޑިއެކެވެ. އެއީ، މާވަށު ދާއިރާއެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝާކިރެވެ. އޭނާ ވަނީ 1243 ވޯޓު ކަށަވަރުކޮށްފައެވެ. ޕީއެންސީގެ ކެންޑިޑޭޓު އައްސަދުﷲ އާދަމަށް މަދުވީ 93 ވޯޓެވެ. އޭނާއަށް ލިބުނީ 1150 ވޯޓެވެ.

މި އަތޮޅުގެ ދެން އޮތް ތިން ދާއިރާ ވެސް ކާމިޔާބުކުރީ ސަރުކާރުގެ ކެންޑިޑޭޓުންނެވެ. އެގޮތުން:

  • ގަމު ދާއިރާ: ޖުމުލަ 1853 ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓު ޔޫސުފް ނަޝީދު (ޔޫތު)
  • ފޮނަދޫ ދާއިރާ: ވޯޓުލީ އާބާދީގެ 69 އިންސައްތަ ވޯޓާ އެކު އަބްދުއްރަހީމް އަބްދުﷲ. އެއީ، 1649 ވޯޓު.
  • އިސްދޫ ދާއިރާ: ޖުމުލަ 1555 ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓު އިސްމާއިލް ޝަފީއު

އިންތިޚާބުގައި ރައްޔިތުން ދިން އިތުބާރަށް ސަރުކާރު އޮތީ ހެވިފައެވެ. މި އަތޮޅުގެ އުފަން ވަޒީރު ފައިސަލް އެދިވަޑައިގަތީ އެ ތާއީދުގެ މަތީގައި ދެމިތިބޭށެވެ.

އަބްދުއްރަޙީމްގެ ދަރިކަލުން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް: އޭނާ ވަނީ ލ. ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

"ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީވެފައި އޮތް ސިޓީއަކަށް އިރާދަކުރެއްވިއްޔާ ގަން ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި،" ގަން، ފޮނަދޫގެ ރައްޔިތުން އުފަލުގެ ހަޅޭއް ލަވަމުންދިޔައިރު ޒުވާންކަމުގެ ޖޯޝުގައި ފައިސަލް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިއަދު މި އޮތީ ލާމު އަތޮޅާ ހިސާބަށް އައިސްފައި،"

ރައްޔިތުން ކުރި އިތުބާރަށް މި ފަސް އަހަރުގެ ތެރޭގައި ލ. ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އޭރު އެ ސަރަހައްދަށް އެއްވެ ތިބި، މި އަތޮޅުގެ އާންމުން ތިބީ އުފަލުން ފޮޅިފައެވެ.

އެ ހުވަފެނުގައި ކުލަޖައްސަން ތިބި މި އަތޮޅަށް އުފަން ދަރިންކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެ ޔަގީންކަން ތަކުރާރުކޮށް ދެއްވިއެވެ. ބަދަލުގައި އެދިވަޑައިގަތީ މަޖިލިސް އިންތިޚާބުގައި ދިން ތާއީދާ އެކު ކުރިއަށް އޮތް ފަސް އަހަރު ވެސް ދެމިތިބުމަށެވެ.

"އަޅުގަނޑު މި ލާމު އަތޮޅުގެ ރައްޔިތުންނަށް ގޮވާލަން މި ސަރުކާރާ އެކީގައި ދެމިތިބުމަށް. ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި އެ މަނިކުފާނު ދެވަނަ ދައުރަކަށް ނުކުމެވަޑައިގަންނަވާއިރުގައި ވެސް ލާމު އަތޮޅުން މި ފަހަރު މި ދެއްކި ތާއީދު، އަދި މި ފަހަރަށްވުރެ ބޮޑު ތާއީދެއް ދައްކާ، ސާބިތުކަމާ އެކީގައި ތިބުމަށް،" އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ސައިކަލު ބުރުގައި އަބްދުއްރަޙީމް: އޭނާ ވަނީ މީގެ ކުރިން ވެސް ދެ ދައުރެއްގައި ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ޕީއެންސީއަކީ މި އަތޮޅުގެ ޕާޓީއެއް ކަމަށް ފައިސަލް ދެކިވަޑައިގަންނަވައެވެ.

އޭނާގެ ބައްޕަ އަބްދުއްރަޙީމަށް ރައްދުވާގޮތަށް ފައިސަލް ވިދާޅުވީ، މިއަދު މި ފެންނަ އުފަލުގެ ފަހަތުގައި އޮތީ "މި އަތޮޅުގެ ދަރިއަކު" 31 އަހަރު ވަންދެން ސިޔާސީ ދާއިރާގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މިރޭ ގަން އަދި ފޮނަދޫގައި ހަވާ އަރުވާފައި އުފަލުން އެ ފާޅުކުރީ އެ ފޮނި ކާމިޔާބެވެ. މި އަތޮޅު މީހުން ތިބީ އިތުބާރުގައި ހެވިފައެވެ. ފޮނަދޫގެ ރައްޔިތުންނަށް އަބްދުއްރަޙީމްގެ ކާމިޔާބީއަކީ ކުޑަ ފޮންޏެއް ނޫނެވެ. ފައިސަލް ދެއްވި ޔަގީންކަމަކީ ކުޑަ އުފަލެއް ވެސް ނޫނެވެ. މި މީހުން މި ތިބީ ދުވަހަކު ނުވަހާ އުފަލުން، އެއް އިރަކު ނުކުރާވަރުގެ އިތުބާރެއް ކޮށްގެންނެވެ.

comment ކޮމެންޓް