ދަތުރުތަކަށް ބަޖެޓަށްވުރެ އިތުރަށް 42 މިލިއަން ރުފިޔާ ޚަރަދުކުރި

ރައީސް މުއިއްޒު: ދަތުރުތަކަށް ބަޖެޓަށްވުރެ އިތުރަށް 42 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ދަތުރުފަތުރުތަކަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށްވުރެ އިތުރަށް 42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރުގެ ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ދަތުރުފަތުރަށް ބަޖެޓުގައި 249.1 މިލިއަން ރުފިޔާ ހިމެނި ނަމަވެސް، އަހަރު ނިމުންއިރު އެ ކަމަށް 291.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންވެ، ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް ދަތުރުތަކަށް 42 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެއީ، އޭގެ ކުރީ 2024 ވަނަ އަހަރާ ބަލާއިރު ވެސް އިތުރުވުމެކެވެ. އެ އަހަރު ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 280 މިލިއަން ރުފިޔާއެވެ. އެހެންވެ، އެ އަހަރާ ބަލާއިރު މިދިޔަ އަހަރު 11.1 މިލިއަން ރުފިޔާ ވަނީ އިތުރަށް ހޭދަކޮށްފައެވެ.

https://sun.mv/215440

އެކަމަކު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖެހި 2.6 ބިލިއަން ރުފިޔާގެ ބޮޑު ބައެއް މިދިޔަ އަހަރު ނިމުންއިރު ވެސް ނުލިބެއެވެ. އަހަރު ނިމުންއިރު ހިލޭ އެހީގެ ގޮތުގައި ލިބުނީ 415 މިލިއަން ރުފިޔާއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދުތައް ރައީސް އޮފީހުން އިސްވެ ހާމަކުރަން ފައްޓާފައެވެ. އެކަމަކު، އެ ތަފުސީލުތައް ހާމަނުކާރާތާ ދުވަސްތަކެއް ވެއްޖެއެވެ.

ދަތުރުތައް އިތުރުވީ ނަމަވެސް ބޭރު ގައުމުތަކުން ރާއްޖެއަށް ކުރިން ދޭ އެހީތައް މިހާރު ނުލިބެނީ ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުންނާއި އިސްލާހީ ފިޔަވަޅުތައް ނޭޅުމާއި ޚާރިޖީ ސިޔާސަތުގައި މައްސަލަތަކެއް އުޅޭތީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް