މުއިއްޒު ހައްދަވަނީ ދޮގު، 7000 ރުފިޔާއަށް ފުލެޓު ދިނުމަކީ ވާނެކަމެއް ނޫން: އަކުރަމް

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވިނަރެސް ފުލެޓުތައް ދޭން ނިންމާފައި ވަނީ 7000 ރުފިޔާއަށް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެ އަގަށް ފުލެޓުތައް ދިނުމަކީ ވާނެ ކަމެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމެއްގައި ވިނަރެސް ފުލެޓުތައް 7000 ރުފިޔާއަށް ދޭން ނިންމާފައިވާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ އަގުގައި ފުލެޓުތަކެއް ނުދެވޭނެ ކަމަށެވެ. އަދި މޭޔަރު މުއިއްޒަކީ މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް ރައްޔިތުންނަށް އޮޅުވާލައިގެން ހުރިހާ ކަމެއްވެސް ކުރަން އުޅުއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް އެބޭފުޅުން ފިގާސްތައް ނެރެގެން އެއުޅެނީ. އެބޭފުޅުން އެބުނާ އަގުގަ ފުލެޓުތައް ދިނުމަކީ ވާނެ ކަމެއް ނޫން، އެއީ ހަމަ ކަނޑައެޅިގެން ދޮގެއް،" އަކުރަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން --- ސަން ފައިލް ފޮޓޯ

މީގެ އިތުރުން އަކުރަމް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށާއި ކަނޑައެޅިގެން ނުވާނެ ކަންކަމާ ބެހޭ ގޮތުން ގޯސް މައުލޫމާތު ދިނުންވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.

އަކްރަމް މިހެން ވިދާޅުވީ ސަރުކާރުން ވިނަރެސް ފުލެޓުތަކުގެ އަގުތައް ކަނޑައެޅުމުން ޑރ. މުއިއްޒު އެކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައި ރައީސް ޔާމީންގެ ސަރުކާރުގައި 7000 ރުފިޔާއަށް ފުލެޓުތައް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ވިނަރެސް ފްލެޓުތަކަށް ދެ ގޮތަކަށް އަގު ދެއްކުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައި މަހަކު ދައްކަން ޖެހޭ ވަރު 16،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއްފަހަރާ ފައިސާ ދައްކާނަމަ، ފްލެޓެއްގެ އަގަކީ 2.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް