ބޭނުންވަނީ ދިވެހިބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ސަން ފޮޓޯ/ މުޙައްމަދު މާވީ

އެ މަނިކުފާނު ބޭނުން ވަނީ ދިވެހިބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ދިވެހިބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުންތަކެއް އުފެދެން ކަމަށެވެ. އެހެންވެ، އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހިބަހަށް ވެސް ލޯބިކޮށް ދިވެހިބަހަށް ފަރިތަވުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.

"ދިވެހި ބަހުގެ ދުވަހަކީ ޤައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަހެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުމެވެ. ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައެޅުމެވެ. އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުން ވެސް ދިވެހިބަހަށް އިސްކަން ދިނުމަށް އަޅުގަނޑު ގޮވައިލަމެވެ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެމަނިކުފާނު ތަޢާރަފު ކުރެއްވި ޤައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށެވެ. އަދި މި ސަރުކާރުން ދިވެހި ތަރައިގެ ކޮލެޖަކާއި ޤައުމީ ޗާޕުޚާނާ އެއް އުފައްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުޢާއަކީ ދިވެހި ބަހަށް އާރޯކަން ލިބުމެވެ. ދިވެހިވަންތަކަމަށާއި ދިވެހި ޤައުމަށް ދިރުން އައުމެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވުމުގެ ރޫޙު، ދިވެހި ކޮންމެ ދަރިޔެއްގެ ހިތުގެ އެންމެ ފުނުގައި ގައިމުވެގެން ވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް