ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށް އަހަރެއް ވީއިރު ވެސް، ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
އެ ހަމަލާއަށް އަހަރެއް މިއަދު ފުރިފައިވާއިރު، މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ މެއި ހަޔަކީ ރާއްޖެއަށް ނާމާން ދުވަހެއް ކަމަށެވެ.
މީގެ އިތުރުން، އެ ރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި ރައީސް ނަޝީދަށް ދިން ހަމަލާއެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖުތަމައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ޤާނޫނުގެ ބާރާއި ދީމިޤްރާތީ މުއައްސަސާތަކަށް ދިން ހަމަލާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހީން ނަގައި ކޮޅަށް ޖަހާފައިވާ މުޅި އިޤްތިޞާދަށް ވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަޞައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް،" އެ ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ އެ ބަޔާނުގައި ބުނެފައިވަނީ، ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެ ހަމަލާގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޝަރީޢަތް ނިމިފައިވަނީ އެންމެ މީހެއްގެއެވެ. އަދި، އެ ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި އަށް މީހުންގެ ޝަރީޢަތް ވަނީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ހަމަލާގެ ސަބަބުން އެ މަނިކުފާނު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުންވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި
މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށް ވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައި ވަނީ، ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
ނަޝީދަށް ދިން ހަމަލާއަށް އަހަރެއްވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ޓްވީޓެއް ކުރައްވައިފައެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެ ހަމަލާއަކީ ދިވެހި ބިމުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި އެއް ހަމަލާކަމަށެވެ. އަދި ނަޝީދުގެ ފުރާނަފުޅު ސަލާމަތްވި ކަމަށް ޓަކައި އެ މަނިކުފާނު ވަނީ ޝުކުރުކުރާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.