މިއީ 2023ގެ ކެންޑިޑޭޓު ކަނޑައަޅަންވީ ވަގުތެއް ނޫން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ރ. ދުވާފަރުގައި-- ފޮޓޯ/ ޓްވިޓާ

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓު ކަނޑައަޅަންވީ ވަގުތު ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ. އެއާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނީ ކޮން ކެންޑިޑޭޓެއްތޯ ދެކެވޭ ވާހަކަތައް ވެސް ވަނީ ގަދަވެފައެވެ.

ރ. ދުވާފަރުގައި ރޭ ކުރިއަށް ގެންދިޔަ ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން ވާދަވެރިންގެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ ކެމްޕެއިނަށް ރާއްޖޭގެ ބޮޑު ބަޔަކަށް ދަތުރުކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް ސަރުކާރާ ފެޔަށް ޖެހެން ބޭނުންވާ ދިވެއްސަކާ މިހާތަނަށް ދިމާ ނުވާ ކަމަށެވެ.

އެއާ ހިލާފަށް ރައްޔިތުން ބޭނުންވަނީ އަދިވެސް ސަރުކާރާއެކު މަސައްކަތްކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އުންމީދުތަކުގައި އަދިވެސް ކުލަ ޖައްސައި، ގޮން ޖެހުންތަކުން ދުރުވުމަށް ސަރުކާރަށް އެހީވާން ޕާޓީއާއި ސަރުކާރު އެއް މަގަކަށް އަރާން،" ފައްޔާޒް ވިދާޅުވިއެވެ.

އިދިކޮޅު ކެންޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ މައްސަލައަކީ ޕާޓީގެ ތިބި ބަޔަކު، ޕާޓީއާ ދެކޮޅަށް ނިކުމެ އުޅޭތީ ކަމަށެވެ. އަދި މިވަގުތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަންވީ ވަގުތު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މައްސަލައަކީ އެއް ޓީމުގައި ތިބެގެން ދެކޮޅަށް ކުޅޭތީ، އެކަން އެބަ ހުއްޓާލަން ޖެހޭ، މާބޮޑަށް ވެސް އެކަން އެބަ ހުއްޓާލަން ޖެހޭ، 2023ގައި ވެރިކަން މި ގައުމުގައި މި ޕާޓީގެ ފަރާތުން ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމެއް ނޫން މިވަގުތު މުހިންމީ،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ރ. ދުވާފަރުގައި-- ފޮޓޯ/ ޓްވިޓާ

މިވަގުތު އެންމެ މުހިންމު ކަމަކީ 2023ގައި މި ޕާޓީން ނިކުންނާނެ ކެންޑިޑޭޓެއް އެ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެމްޑީޕީގެ ފަލްސަފާ ކުރިއަށް ގެންދިއުމަށް ޓަކައި ކޮންމެހެން ވެސް އެބަ ޖެހޭ 2023 ހޯދަން، އަޅުގަނޑުމެންގެ ތެރޭގައި އޮތް ބައިބައިވުން ތެރެއަކުން އަޅުގަނޑުމެންނަށް ނެތް އެއްވެސް ބޭފުޅަކަށް އެ ޖާގަ ދެވޭކަށް،" ފައްޔާޒް ވިދާޅުވިއެވެ.

ހަމައެހެންމެ ޗެއާޕާސަން އިންތިހާބަކީ 2018ގެ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެއަށް އަންނަ އެންމެ މުހިންމު އިންތިހާބު ކަމަށާއި މި އިންތިހާބުގެ ނަތީޖާއިން 2023ގައި ވާނޭ ގޮތް އެނގިގެންދާނެ ކަމަށް ވިދާޅުވާ ވާހަކަ ފައްޔާޒް ތަކުރާރުކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަންވީ ވަކި މީހަކު ވެރިކަމުގައި ބަހައްޓަން ނޫން ކަމަށާއި އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ރ. ދުވާފަރުގައި-- ފޮޓޯ/ ޓްވިޓާ

"2023 އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ، އަޅުގަނޑުމެންގެ ކެޕްޓަނަކަށް ހުންނެވި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކުރައްވަމުން ގެންދަވާ މަސައްކަތް ރައްޔިތުން ބަލައިގަނޭ، އަޅުގަނޑުމެން މެންބަރުން ބޭނުމެއް ނުވޭ ސަރުކާރާ ފެޔަށް ޖެހޭކަށް، އެއްގޮތަކަށް ވެސް ބޭނުމެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.

އެތެރޭގެ އިންތިހާބާ ގުޅިގެން ސަރުކާރާއި ފައްޔާޒުގެ ޓީމުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ ނުފޫޒު ފޯރުވަން ޖެހޭ ހާލަތްތަކުގައި އެކަން ވެސް ކުރާނެ ކަމަށެވެ.

"ނުފޫޒު ބޭނުން ކުރަން ޖެހުނަސް، އަދި އެހެން ކަމެއް ކުރަން ޖެހުނަސް، އަޅުގަނޑުމެންނަށް ބޭނުން ކުރެވެން އޮތް ކޮންމެ ހަތިޔާރެއް ބޭނުން ކޮށްގެން ދިވެހިރައްޔިތުންގެ މިނިވަންކަމާއި މުސްތަގްބަލާއި ތަރައްގީއަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

މިހާތަނަށް ވެސް ސަރުކާރުން ނަތީޛާ ދައްކައިފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ނަތީޖާ ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށް ކޮންމެ ކަމެއް ވެސް އަޅުގަނޑުމެން ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް