މުހަންމާގެ 'ލަފުޒު' މީޑިއާނެޓް އޮރިޖިނަލްސްއެއް ގޮތުގައި ލޯންޗުކޮށްފި

މީޑިއާނެޓުން ލަފްޒު ސީރީޒް ލޯންޗް ކުރުން -- ސަންފޮޓޯ/ ނާއިލް ހުސައިން

މީޑިއާ ނެޓްގެ އެމްއެސްއިން ދެއްކުމަށް ހަމަޖެހިފައިވާ ޑްރާމާ ސިލްސިލާ 'ލަފުޒު' ރޭ ލޯންޗުކޮށްފިއެވެ.

ދެކެދެކެވެސް ޕްރޮޑަކްޝަނުން މުހަންމަދު އަބްދުﷲ (މުހަންމާ) ޕްރޮޑިއުސްކޮށް އުފައްދާފައިވާ އެ ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ފިލްމީތަރި އަޙްމަދު ނިމާލެވެ. ކެމެރާ އަދި އެޑިޓިންގެ މަސައްކަތް އަލީ ރަޝީދު (ގޮޅާ) ކޮށްފައިވާއިރު ސްކްރީން ޕްލޭ ގެ މަސައްކަތް ކުރީ މަރިޔަމް މޫސާއެވެ. އަދި މި ޑްރާމާގެ ޕްރޮޑަކްޝަން އިންޗާޖަކީ އިބްރާހިމް ހަސީބެވެ.

މި ޑްރާމާގެ ލީޑް ރޯލުން ފެންނާނެ ދެ ފަންނާނުންނަކީ މަރިޔަމް ޝިފާ އަދި އަލީ އާޒިމްއެވެ.

މީޑިއާ ނެޓްއިން ލަފްޒު ސީރީޒް ލޯންޗް ކުރުން -- ސަންފޮޓޯ/ ނާއިލް ހުސައިން

"ލީޑު ކުޅޭ ދެ ފަންނާނުންނާ ބެހޭގޮތުން އަޅުގަނޑު މާ ދިގުކޮށް އެއްޗެއް ބުނެފިއްޔާ ވާނީ ގޯހަކަށް. ޝިފާ އާ ދޮން އައްޔަގެ ވާހަކަދެއްކުމަކީ ހަޑިކަމަކަށް ވާނީ. އެހެންވީމަ އަޅުގަނޑަށް ހަމަގައިމު ވެސް ތި ބޭފުޅުންގެ އެކްޓިން އާ ދޭތެރޭ ކުޑަކޮށް ވެސް ސުވާލެއް ނުއުފެދެ،" ފިލްމުގެ ޕްރޮޑިއުސަރު މުހަންމާ ވިދާޅުވިއެވެ.

މި ޑްރާމާއިން ޒުވާން ކުދިންތަކެއް ފިލްމީ ދާއިރާއަށް ތައާރަފްވާނެއެވެ.

މި ޑްރާމާ ލޯންޗްކުރަން ބޭއްވި ހަފްލާގައި ވާހަކަދައްކަމުން މުހަންމާ ވިދާޅުވީ ޑްރާމާއެއްގައި ދައްކުވައިދޭން ޖެހޭ ހުރިހާ އިހުސާސެއް މި ޑްރާމާއިން ދައްކުވައިދޭނެކަމަށެވެ. އަދި އެންމެ އެޕިސޯޑެއް ބަލައިގެން މި ޑްރާމާގައި ވާގޮތް ނޭންގޭނެ ކަމަށާއި ވާގޮތް އެގެން މުޅި ޑްރާމާ ބަލަންޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާނެޓްއިން ލަފްޒު ސީރީޒް ލޯންޗް ކުރުން -- ސަންފޮޓޯ/ ނާއިލް ހުސައިން

މި ޑްރާމާގައި މަސައްކަތްކުރި އެންމެނަކީވެސް ވަރަށް ހުނަރުވެރި މީހުންކަން އޭނާ ފާހަގަކުރިއެވެ. ފިލްމު ޝޫޓުކުރީ މާކުރަތުގައި ކަން ފާހަގަކޮށް މުހަންމާ ވަނީ މާކުރަތު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

"މާކުރަތުގެ މުޅި ރައްޔިތުންގެ އެހީތެރިކަމެއް މިކަމުގަ ލިބުން." އޭނާ ވިދާޅުވިއެވެ.

އެ ޑްރާމާގެ ފުރަތަމަ ސީޒަންގައި 15 އެޕިސޯޑު ހިމެނެއެވެ. އަދި އެ ސީރީސްގެ އާ އެޕިސޯޑެއް ކޮންމެ ހޮނިހިރު ދުވަހަކު މީޑިއާނެޓްގެ ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެއެވެ.

މީޑީއާނެޓްގެ އެމްއެސްޓީވީ، އެމްއެސް-ލައިޓް އަދި އެމްއެސް މީޑިއާނެޓް އެޕްލިކޭޝަނުން ވީޑިއޯކްލަބް ބޭނުންކުރެވޭނެއެވެ.

އެމްއެސްޓީވީގެ ޚިދުމަތް އެމްއެކްސް380 މަރުކާގެ ޑީކޯޑަރު ބޭނުންކޮށްގެން ލިބެން ހުންނާނެއެވެ. އަދި ޑީކޯޑަރެއް ނެތް ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެފަދަ ކަސްޓަމަރުން ކަންކުރަން ޖެހޭ ގޮތަކީ އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރުމެވެ.

އެ ކަސްޓަމަރުންގެ ކަނެކްޝަން މީޑިއާނެޓުގެ ވިއުގައާއި ގުޅައިދިނުމަށް އެ ކުންފުނީގެ ޓެކްނިޝަނެއް، ކަސްޓަމަރުގެ ގެއަށް ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓްގެ ވީޑިއޯކްލަބުން، ވަކި އުމުރަކަށް އަދި ބަހަކަށް ތަފާތު ކުރުމެއް ނެތި، ސީރީސް އާއި ފިލްމު އަދި ދިވެހި އަމިއްލަ އުފެއްދުންތައް ލިބެން ހުންނާނެއެވެ. އެގޮތުން އެމްއެސް އޮރިޖިނަލްސްގެ ނަމުގައި ދިވެހި ފަންނީ ބޭފުޅުންގެ އުފެއްދުން ވީޑިއޯކްލަބްގެ ޒަރިއްޔާއިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް