ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ފެށެން ބާކީ އޮތީ ގާތްގަނޑަކަށް 2 ހަފުތާ

ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 20 ނޮވެންބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 5،600އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. 

ދިރާގުން ބުނި ގޮތުގައި މި އަހަރުގެ ދުވުން ރާއްޖޭގެ މިފަދަ ހަރަކާތްތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ އެއް ސަބަބަކީ، ޑީއެމްއާރްއާރް 2026 އަކީ މިހާރު 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ. މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއް ތަނަކުން ބައްދަލުވާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.

ޑީއެމްއާރްއާރްއަށް ދުވުންތެރިން ތައްޔާރުވަމުންދާއިރު، އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މި އަހަރުގެ ކޯޗިން ޕާޓްނަރުން ކަމަށްވާ 'ދަ ވެލްނެސް ކްލަބް' އަދި 'އައިލެންޑް ރަނަރސް މޯލްޑިވްސް އެންޑް މެރެތަން ރަނަރސް މޯލްޑިވްސް' އިން ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވެ، ތަޖުރިބާކާރު ކޯޗުންގެ އިރުޝާދާއެކު ދުވުމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދިރާގުން ވަނީ ބުނެފައެވެ.

ޑީއެމްއާރްއާރްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިރާގުން ދަނީ މީސްމީޑިއާ އެކައުންޓްތަކުން ހިއްސާކުރަމުންނެވެ. އަދި އިތުރު މައުލޫމާތު www.dmrr.mv  މެދުވެރިކޮށް ލިބިގެންދާނެއެ.

ގުޅޭ ޓެގު
comment ކޮމެންޓް