ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ދާއިރާތަކަކީ:
- ދިރާގުގެ އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް
- ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް
- ކްލައުޑް އެންޑް އައިޓީ ސާވިސަސް
- ކޯޕަރޭޓް ސާވިސަސް
- ސައިބާ ސެކިއުރިޓީ
- ފައިނޭންޝަލް އެކައުންޓިން
- ހިއުމަން ރިސޯސަސް
- ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް
- ސޭލްސް
- ސްޓޯސް އެންޑް ޕްރޮކިއުމަންޓް
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، އަދި ލާމު އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިންކް މެދުވެރިކޮށް މި މަހުގެ 30ގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.
ދެހާސްނުވަ ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އަދި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައި ވެސް ވަޒީފާތައް އަދާކުރަމުންނެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގްބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.