އައިކެއަރ ހޮސްޕިޓަލުން އައިރިސް އާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ލޮލުގެ ފަންތި (ރެޓީނާ) ސްކްރީން ކުރާ ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްފިއެވެ.
އައިކެއަރ ހޮސްޕިޓަލުން އެ ޚިދުމަތް އިފުތިތާޙްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026ގައި މިދިޔަ ބުރާސްފަތި ދުވަހެވެ.
އެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދޫން ނާސިރާއި އައިކެއަރގެ މެނޭޖިން ޑައިރެކްޓަރު ޑރ. ޢަބްދުﷲ ޒާހިރެވެ.
އެ ޚިދުމަތާއެކު އައިކެއަރގެ ސްކްރީނިން ޚިދުމަތްތަކަށް އޭއައި ތައާރަފުވެ، ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ، އިތުރު ތަހުލީލުތަކާއި ފަރުވާ ބޭނުންވާ ފަރާތްތައް އަވަހަށް ދެނެގަތުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އައިކެއަރ ހޮސްޕިޓަލުން އޭއައި ބޭނުންކޮށްގެން ލޮލުގެ ބަލިތައް ދެނެގަންނަ ޒަމާނީ ސްކްރީނިން ޚިދުމަތް ތައާރަފުކުރުން -- ސަން ފޮޓޯ/ މުޙައްމަދު އިހުސާންމި ޚިދުމަތުގެ ދަށުން ސްކްރީން ކުރުމުގެ ތެރޭގައި، ޚާއްސަ ކެމެރާއެއް ބޭނުންކޮށްގެން ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު، އައިރިސްގެ 'SELENA+' އޭއައި ސިސްޓަމް މެދުވެރިކޮށް އެ ފޮޓޯތައް ތަހުލީލުކުރެއެވެ. މީގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތަކާއި، ގްލޮކޯމާ އަދި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ދެނެގަނެވޭނެއެވެ. މި ސިސްޓަމުން ތައްޔާރުކުރާ ރިޕޯޓުގެ އެހީގައި، ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޮލަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ދެނެގަނެ އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކުން، ލަސްނުކޮށް ފަރުވާ ހޯދަންޖެހޭކަން ކަށަވަރުވާނެއެވެ.
ލޮލުގެ ދުޅަހެޔޮކަން ދަމަހައްޓައި ފެނުން ސަލާމަތްކުރުމުގައި، ބަލިތައް ކުރިއާލާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް، އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ ބައެއް ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނި ޖެހޭ ބަލިތަކަށް ވުމާއެކު، ފެނުމަށް ބަދަލެއް އައުމުގެ ކުރިން މިފަދަ ސްކްރީނިންތަކުގެ އެހީގައި ބަލި ދެނެގަތުމަށް މަގުފަހިވާ ކަމަށް އައިކެއަރއިން މައުލޫމާތުދެއެވެ.
އައިކެއަރ ހޮސްޕިޓަލުން އޭއައި ބޭނުންކޮށްގެން ލޮލުގެ ބަލިތައް ދެނެގަންނަ ޒަމާނީ ސްކްރީނިން ޚިދުމަތް ތައާރަފުކުރުން -- ސަން ފޮޓޯ/ މުޙައްމަދު އިހުސާންއޭއައި ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އެކުލެވޭ މި ޚިދުމަތުގެ ސަބަބުން، ލޮލުގެ ފަރުވާއާ މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެއެވެ. އައިކެއަރގެ މަގްސަދަކީ ލޯ ސްކްރީން ކުރުމުގެ ޚިދުމަތް ވީހާވެސް ފަސޭހަކޮށްދީ، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް ގިނަ ބަޔަކު ހޭލުންތެރިކުރުވުމެވެ.
މި ޚިދުމަތް ވަރަށް އަވަހަށް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުން ލިބެން ފަށާނެކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ވަނީ، އައިކެއަރގެ ސްޓޯލުން އެ ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައެވެ.