މާލޭގެ އެކި ތަންތަނުގައި ސަން ސިޔާމް މީޑިއާގެ މުވައްޒަފަކު ޕޯސްޓަރެއް ހިފަހައްޓައިގެން މި ކުރަނީ ކީއްހެއްޔެވެ؟ މީގައި މި އޮތީ ކޮން ވަހަކައެއް ހެއްޔެވެ؟ މި ވާން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ވަރަށް ބޮޑުކަމެއްގެ ފެށުމެެވެ.
އެއީ މީޑިއާ އާއިލާ އެއް ފުރާޅެއްގެ ދަށަށް، އެއް ދަނޑަކަށް ގެނައުމަށް ޖަހައިލި ބޮޑު ސައްލާއެއްގެ ފެށުމެވެ. ޚަބަރުތަކުގެ ފަހަތުން ދުވުމާއި، ގަލަމާއި ކެމެރާގެ ވަރުބަލިކަމުން އެއްފަރާތްވެލުމަށްފަހު، ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާގެ ހީވާގި މަސައްކަތްތެރިން ފުޓްސަލް ދަނޑުގައި ހުނަރު ދައްކައިލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ސަން ސިޔާމް މީޑިއާއިން މުޅިން އަލަށް ތައާރަފުކުރާ "ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ފުޓްސަލް ކަޕް 2027" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 އިން 23 އަށް މާލޭގައި ބޭއްވުމަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރިގަދަ މުބާރާތުގެ މަގްސަދަކީ މީޑިއާ އިދާރާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކުޅިވަރުގެ ރޫޙުގެ ތެރެއިން އިތުރަށް ބަދަހިކުރުމެވެ.

މި މުބާރާތުގައި ވާދަކުރުން ކަށަވަރުވެފައިވާ މީޑިއާތަކަކީ:
- ގާފު މީޑިއާ ގްރޫޕް
- އެސްއެސްޓީވީ
- ޗެނަލް 13
- އައިސް ނެޓްވޯކް
- އެމްއެމްޓީވީ
- ޕީއެސްއެމް ނިއުސް
- ވީޓީވީ
މި މުބާރާތާ ގުޅޭގޮތުން ސަން ސިޔާމް މީޑިއާގެ ސީނިއަ ސޭލްސް މެނޭޖަރު އަބްދުﷲ ފައިސަލް ވިދާޅުވީ، މިއީ ރަސްމީ މަސައްކަތުގެ ޒިންމާތަކުން ބޭރުން ދިވެހި މީޑިއާ އާއިލާ އެއްބައިވަންތަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކުޅިވަރުގެ ހުނަރު ދައްކާލުމަށާއި، މަސައްކަތުގެ މާހައުލުގައި އޮންނަ ގުޅުންތައް ބަދަހިކުރުމަށާއި، އަދި ދިވެހި މީޑިއާ އިންޑަސްޓްރީގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ފަހިކޮށްދެވޭ މުހިންމު ޕްލެޓްފޯމެއް،" ފައިސަލް ވިދާޅުވިއެވެ.
ސަން ސިޔާމް މީޑިއާގެ ސީނިއަ ސޭލްސް މެނޭޖަރު އަބްދުﷲ ފައިސަލް ---މި މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ އަނެއް ސަބަބަކީ ޗެމްޕިއަން ޓީމަށް ލިބިގެންދާ ބޮޑު އިނާމެވެ. ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ފުޓްސަލް ކަޕް 2027 ކާމިޔާބުކުރާ ޓީމަކަށް ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކިންގްސް ކަޕް 2027" އިން ސީދާ ޖާގައެއް ކަށަވަރުވާނެއެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، މިއީ މޮޅުވާ ޓީމަށް އިތުރު ވާދަވެރި ފުޓުބޯޅަ މައިދާނަކަށް ދަތުރުކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
މި މުބާރާތް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވަރުގަދަ ޕާޓްނަރުންތަކެއް ވަނީ ގުޅިފައެވެ. އެގޮތުން މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްއެމްއީ ޑިޖިޓަލްއެވެ. މީގެއިތުރުން، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކަށް މާކީ އެމްވީ އަދި ޓްރޮފީ ޕާޓްނަރަކަށް ޕްރިންޓް ލެބް ވަނީ ހަމަޖައްސާފައެވެ. އަދި ސަޕޯޓިން ޕާޓްނަރަކަށް ދަ ހޯކްސް، ރަސްމީ ބެވަރޭޖް ޕާޓްނަރަކަށް ރެޑް ބުލް އަދި އެޕަރެލް ޕާޓްނަރެއްގެ ގޮތުގައި އައިލެންޑް އެޕެރަލްސް ވަނީ ބައިވެރިވެފައެވެ.
ސަން ސިޔާމް މީޑިއާއިން ހާމަކުރި ގޮތުގައި، މިއީ ދިވެހި މީޑިއާ ދާއިރާގެ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، ދުޅަހެޔޮ ވައްޓަފާޅިއަކަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޚާއްސަ ކުޅިވަރު ހަރަކާތެކެވެ.
އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށާއި، ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށް އަބަދުވެސް އިސްނަގަމުން އަންނަ ސަން ސިޔާމް މީޑިއާގެ މި އައު އިސްނެގުމާއެކު، އަންނަ ޖެނުއަރީ މަހު މީޑިއާތަކުގެ ގަލަމުގެ ހޫނުކަން ބަދަލުވާނީ ފުޓްސަލް ދަނޑުގެ ގަދަފަދަ ވާދަވެރިކަމަށެވެ. ޕޯސްޓަރުން ފެށުނު މި ސިއްރުގެ ހަގީގަތަކީ މުޅި މީޑިއާ އިންޑަސްޓްރީ އެއް ދަނޑަކަށް އެއްކޮށްލާ ބޮޑު ކުޅިވަރު އީދެކެވެ.