ދުނިޔެ ރޮއްވާލުމަށްފަހު، ވަޅެއްގައި ތާށިވި އަފްގާނިސްތާނުގެ ކުއްޖާ ނިޔާވެއްޖެ

ވަޅެއްގައި ތާށިވި އަފްގާން ކުއްޖާ ސަލާމަތްކުރުމުގެ މަަސައްކަތް ކުރަނީ ---

އަފްޣާނިސްތާނުގެ ޒާބުލް ޕްރޮވިންސްގެ އަވަށެއްގައި ހުރި ފުން ވަޅަކަށް ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

ހައިދަރު ނަމަކަށް ކިޔާ އެ ކުއްޖާގެ އުމުރަކީ ނުވަ އަހަރު ކަމަށް ރިޕޯޓްތައް މީގެ ކުރިން ބުނި ނަމަވެސް، އަލްޖަޒީރާއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާގެ އުމުރަކީ ފަސް އަހަރެވެ.

ރެސްކިއު ޓީމުން ކެނޑިނޭޅި އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރި އިރު، މިއަދު ހެނދުނު ވެސް އެ ކުއްޖާ މަރުނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ހައިދަރުގެ މަރުގެ ހަބަރު އޮފިޝަލުން ވަނީ ހިއްސާކޮށްފައެވެ.

"ވަރަށް ހިތްދަތިކަމާއެކު، ތުއްތު ހައިދަރު ވަނީ އަބަދަށްޓަކައި އަހަރެމެންނާ ވަކިވެފައި،" ތާލިބާނުން ހިންގާ ދާހިލީ ވުޒާރާގެ ސީނިއާ އެޑްވައިޒަރު އަނަސް ހަކްނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ހައިދަރުގެ ކާފަ، ބޭރުގެ މީޑިއާތަކަށް މީގެ ކުރިން ބުނެފައިވަނީ ހައިދަރު ވަޅަށް ވެއްޓުނީ އެ އަވަށުގައި ބަޔަކު ވަޅެއް ކޮންނަން "އެހީތެރިވާން" އުޅެނިކޮށް ކަމަށެވެ.

އޮފިޝަލުން ބުނީ އެ ކުއްޖާ 25 މީޓަރު (80 ފޫޓު) ގެ ވަޅަކަށް ވެއްޓުނުކަމަށާއި ނަމަވެސް ތާށިވެފައި ހުރުމުން 10 ވަރަކަށް މީޓަރަށް އެ ކުއްޖާ ދަމައިގަތް ކަމަށެވެ.

މީގެ ދެހަފްތާ ކުރިން މޮރޮކޯގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ ފަހަރު ވަޅަށް ވެއްޓުނު ރަޔާން ސަލާމަތް ކުރުމަށް ވެސް މަސައްކަތް ކުރީ މިކަހަލަ ގޮތަކަށެވެ. ކެމެރާ ތިރިކޮށްގެން ބެލި އިރު ރަޔާން ގެ ކުދި ހަރަކާތްތަކެއް ހުރި ނަމަވެސް ވަޅުން ނެގުނު އިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް މޮރޮކޯގެ ރަސްގެފާނު ވަނީ އިއުލާނު ކުރައްވާފައެވެ.

comment ކޮމެންޓް